ސުޕްރީމް ކޯޓުގެ އާ އިމާރާތް އެޅުމަށް މާލެއިން ބިމެއް ހަމަޖައްސާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ އާ އިމާރާތް އެޅުމަށް ސޯޝަލް ސެންޓަރުގެ ފުރަގަހުގައި އޮންނަ ބިން ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރެއްވި ތީމުގޭގައި ހިންގަމުން އަންނަ ސުޕްރީމް ކޯޓު އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާނުކުރެއްވީ ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މާލޭގެ އެންމެ ޕްރައިމް ސަރަހައްދަކުން ސުޕްރީމް ކޯޓު އެޅުމަށް ބިމެއް ހަމަޖައްސާދީފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އާ ކޯޓު އެޅުމަށް ސަރުކާރުން ހަމަޖައްސައިދީފައިވަނީ ސޯޝަލް ސެންޓަރުގެ ފުރަގަހުގައި ބޮޑުތަކުރުފާނު މަގާދިމާވާ ސަރަހައްދުންނެވެ. ރަސްފަނު ކުރިމަތިން އޮންނަ އެ ބިމުން 18,000 އަކަފޫޓުގެ ބިމެއް ވަނީ ކޯޓު އެޅުމަށް ދީފައެވެ.
ފެހި ގާނޫނުއަސާސީގެ ދަށުން އުފެއްދި ސުޕްރީމް ކޯޓު އެންމެ ފުރަތަމަ ހިންގަން ފެށީ މުލީއާގޭގައެވެ. އޭގެ ފަހުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުލިއާގެ އަލުން ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރަން ފެއްޓުމާ ގުޅިގެން، އޭގެ ކުރިން ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރި ތީމުކުރިއަށް ސުޕްރީމް ކޯޓު ވަނީ ބަދަލުކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު