ހުސްވެފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ވެރިކަންކުރާ ޕީއެންސީން ހުޅުވާލައިފިއެވެ.
ޕީއެންސީން ބުނީ، ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ޕާޓީގެ ޢާންމު މެންބަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އަންގާރަ ދުވަހުން ފެށިގެން އޭޕްރިލް 19 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށެވެ.
ޕީއެންސީގެ ޓިކެޓުގައި މި ބައި އިލެކްޝަންގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ސުންގަޑި ހަމަވާއިރު، ޝަރުޠުތައް ފުރިހަމަވާ އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ ޕާޓީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓެއް ކަނޑައަޅާނީ އެފަރާތްތަކުގެމެދުގައި ބޭއްވޭ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އަކުން ކަމަށް އެ ޕާޓީން ބުންޏެވެ. ބައި އިލެކްޝަންގައި ޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާނީ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ހުށަހަޅާ ހުށައެޅުމާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށާއި ދަރަނީގެ ރެކޯޑް ފަދަ އެންމެހާ ލިޔެކިޔުންތައް އެކަމަށް އޮންނަ އިޖުރާއާތުތަކުގެ ތެރެއިން ހޯދާ އެ ލިޔެކިޔުންތައްވެސް ހުށަހަޅާންވާނެ ކަމަށް ބުނެފައިވެ އެވެ.

ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތުތަކަކީ:
* ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އެންމެހާ ޝަރުޠުތައް ފުރިހަމަވެފައިވާކަން
* އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތަކަށްވުން ނުވަތަ، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާ ފަރާތަކަށްވުން.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީގައި ވޯޓުދިނުމުގެ ޙައްޤު ލިބިދެވޭނީ، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ކޮންގްރެސް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، 13 އޭޕްރިލްގެ އިރުއޮއްސި 6:00 ގެ ނިޔަލަށް، ކޮންގްރެސް ޕާޓީގެ މެންބަރަކަށްވުމަށް އެދި (ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދި ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއާތުތަކާއި އެއްގޮތަށް) އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބޭ ފަރާތްތަކުގެ ލިސްޓު، 20 އޭޕްރިލް ވާ ހޯމަ ދުވަހު ޕާޓީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، 25 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 04:00 އަށެވެ.
ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން 2026 ގައި ވާދަކުރުމަށް (ޝަރުޠުތައް ފުރިހަމަވެގެން، އަދި ޕާޓީގެ އިންތިޚާބުތަކާއިގުޅޭ ޓެކްނިކަލް ކޮމިޓީއިން ބަލާ މިންގަނޑުތަކަށް ފެތިގެން) ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ، އިންތިޚާބުކުރުމަށް ކަނޑައަޅާފައިވާ ޢަދަދަށްކަމުގައިވާ ނަމަ، އެ ފަރާތަކަށް ކޮންގްރެސް ޕާޓީގެ ޓިކެޓު ކަނޑައެޅޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ކަނޑައެޅޭ ޙާލަތުގައި، ވޯޓުލުމުގެ ކަންކަން ޕާޓީގެ ފަރާތުން އިންތިޒާމުކުރާނެ ކަމަށާ ޕްރައިމަރީގައި ކޮންގްރެސް ޕާޓީގެ މެންބަރުންނަށް ވޯޓު ލެވޭނީ، މި އިންތިޚާބުގައި ވޯޓު ލުމަށް ހިތަދޫ އުތުރު ދާއިރާގައި އަދި ވެރިރަށް މާލޭގައި ޕާޓީގެފަރާތުން ބަހައްޓާ ވޯޓު ފޮށިތަކަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.







ކިޔުންތެރިންގެ ހިޔާލު