އދ. ކޮންރެޑް މޯލްޑިވްސް ރިސޯޓް ކައިރީގައި އޮންނަ މާންތާ ޕޮއިންޓްގައި މިއަދު މަރުވި ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހުނީ ދޯނީގެ ފަހަތުން މޫދަށް ފުންމާލުމުންކަން އެނގިއްޖެއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:59 ހާއިރުއެވެ. އެ ހިތާމަވެރި ހާދިސާގައި މިދުނިޔެދޫކުރީ ޖަރުމަނުގެ ފިރިހެން ފަތުރުވެރިއެކެވެ.

މަންޒަރު ފެނުނު ބައެއް މީހުން ވަނީ އެ ހާދިސާ ހިނގިގޮތް "މުޅި ރާއްޖެ"އަށް ކިޔައިދީފައެވެ.

އިޝްތިހާރު އިޝްތިހާރު

އެ މީހުން ކިޔައިދިންގޮތުގައި ޖަރުމަނުގެ ފަތުރުވެރިޔާ ހުރީ ބްލޫ ހޮރައިޒަން މޯލްޑިވްސްގެ ސަފާރީއެއްގެ ޑައިވިން ދޯންޏެއްގައެވެ.

ޑައިވިން ދޯނި ފުރަތަމަ ދިޔައީ ފަތުރުވެރިން ގޮވައިގެން ޑައިވްކުރަން ކަމަށެވެ. ޑައިވްކުރުމަށް ފަހު ފެހުރިއްސެއް ތިލަވުމުން އޭގެ ކައިރީގައި ފީނުމަށް ދޯނީގައި ތިބި މީހުން ތައްޔާރުވަމުން ދިޔަ ވަގުތު އެ ފަތުރުވެރިޔާ ދޯނީގެ ފަހަތަށް ފުންމާލީ ކަމަށް ކަމަށް އެ މީހުން ކިޔައިދިނެވެ.

"ފަތިރުވެރިޔާ ފުންމާލި ވަގުތަކީ ދޯނި ފަހަތަށް ޖަހާފައި އޮތް ވަގުތެއް ކަމުން ފަތުރުވެރިޔާ ގައިގައި ބުރަފަތިން ޖެހި ވަރަށް ބޮޑަށް ޒަހަމްވީ،" މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.

ފުލުހުން އެ ސަރަހައްދަށް ގޮސް އެ ފަތުރުވެރިޔާ ނެގިއިރު ވެސް ވަނީ މަރުވެފައެވެ.

އެ ސަރަހައްދަކީ މީގެކުރިން ވެސް މިފަދަ ހާދިސާތަކެއް ހިނގާފައިވާ ސަރަހައްދެއް ކަމަށްވާތީ ފެހުރިހި ބަލަން ފަތުރުވެރިން ގޮވައިގެން އެ ސަރަހައްދަށް ދާ ކޮންމެ އުޅަނދެއްގެ ބުރަފަތީގައި ގާޑު އެޅުވުމަކީ ލާޒިމް ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ކަނޑައެޅިއެވެ.