ޒަމާންވީ އާސާރީ ތަކެތި ފެންނަ ހުރި ހދ. ކުޅުދުއްފުށި ތަރިޖެހިގެ ހިމާޔަތްކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތަރިޖެހިގެ ހިމާޔަތްކުރަން ސިޓީ ކައުންސިލުން ނިންމީ ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެއްކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ތަރިޖެހިގެއަކީ އިހުޒަމާނުގައި ދިވެހީންގެ ދިރިއުޅުން ބިނާވެފައި އޮތް ގޮތާއި ދިވެހީންގެ ފަންނުވެރިކަމާއި މަސައްކަތްތެރިކަން ދައްކުވައިދޭ ބިނާއެއް ކަމަށް އާތިފު ވިދާޅުވިއެވެ.

މިހާރު ހުރި މުހިންމު ތަންތަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއްކަަމަށް މޭޔަރު ވިދާޅުވިއެވެ.

އެހެންކަމުން އެގެ ދައުލަތަށް ނެގުމަށްފަހު އެގޭގެ ވެރިފަރާތަށާއި ވާރުތަ މުދަލުން އެގޭގެ ބައެއް ހައްގުވާ ކޮންމެ މީހަކަށް ގޯއްޗެއް ދިނުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ތަރިޖެހިގެއަކީ ވަރަށް ޒަމާންވީ އެތައް ތަރިކައެއް ފެންނަން ހުރި ގެއެކެވެ. ދިމާ އެނދާއި ތާރައާއި މަލާފަތް ފަދަ އެއްޗެހި އެ ގޭގައި އަދިވެސް އެބަހުއްޓެވެ.

އެ ގޭގައި މިހާރު ދިރިއުޅެނީ އުމުރުން ދުވަސްވީ މީހެއް ކަމަށްވާ އަލީ މުހައްމަދު (އަލިބެ) އެކަންޏެވެ.

އިޝްތިހާރު އިޝްތިހާރު