ހއ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ދިއްދޫ އެއާޕޯޓް އެޅުމާއި އެ ރަށުގެ ތަރައްގީގެ އެކި މަޝްރޫއުތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ ރޭ ފަތިހު 4:00 ހާއިރު އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ، ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަަމަށެވެ. ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ ކުރިން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި ނެދަލޭންޑުގެ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ޕްރިންސް ޑާ ނެޑަލަންޑަންއާއި، ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީ ވަނީ ރާއްޖެ ގެނެސްފައެވެ.

ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 102.73 ހެކްޓަރ ހިއްކާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނު ދެން ދިއްދުއަށް ވަޑައިގަންނަވާނީ ފްލައިޓްގައި ކަމަށެވެ.