ސިނަމާލެ ބްރިޖުގައި ރޭ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވިއިރު، އެ މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ހޯމް މިނިސްޓަރު އަލީ އިޙްސާން އެހީތެރިކަންފޯރުކޮށްދެއްވައިފިއެވެ.

ފުލުހުން ބުނީ، މާލެ އިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 18:35 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ސައިކަލްގައި ތިބި ދެ ފިރިހެނުންނަށެވެ. އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މިއެކްސިޑެންޓުގައި އަނިޔާވި މި ދެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިނިސްޓަރު އިހުސާންގެ ކާރުކޮޅުގައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަގޮތުގައި އެކްސިޑެންޓު ހިނގި ސަރަހައްދުގައި މިނިސްޓަރު ކާރު މަޑުކޮށްގެން އޮތް ތަން ފެނެއެވެ. އަދި ކާރުކޮޅުން ފައިބައި ވަޑައިގެން އަނިޔާ ލިބުނު މީހުން އަވަހަށް އެ ކާރުކޮޅުގައި ހޮސްޕިޓަލަށް ގެންދިޔުމަށް މިނިސްޓަރު އަންގަވައެވެ.

ފުލުހުން ބުނިގޮތުގައި، މި އެކްސިޑެންޓުގައި އެކެއްގެ މޫނުމަތި ފަޅައިގެން ގޮސްފައިވެއެވެ. އަދި ދެ މީހުންގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސް އެކިވަރުގެ އަނިޔާވެފައިވެއެވެ. އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.