ވިލިމާލޭގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލުކޮށްލެއްވުމަށް ބޭއްވޭ ބައްދަލުވުން މާދަމާ ރޭ 8:30 ގައި މުހްޔިއްދީން ސްކޫލުގައި އޮންނާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވަނީ އަރުވާފައެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާނެކަން އިއުލާންކުރައްވައިފައެވެ.

ރައީސް ވިދާޅުވެފައިވަނީ މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށާއި މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި ވިލިމާލެ އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގެންފައެވެ.