ލީކުވި ފޯނު ކޯލެއްގެ މައްސަލައިގައި ތައިލެންޑުގެ ބޮޑުވަޒީރުކަމުގެ މަގާމުން ޕެއިޓޮންގްޓާން ޝިނަވާޓް ވަކިކޮށްފިއެވެ.

ބޮޑުވަޒީރުކަމުގެ މަގާމުން ޝިނަވާޓް ވަކިކުރުމަށް ތައިލެންޑުގެ ކޯޓަކުން ނިންމި އިރު، އެ މައްސަލައިގައި މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭނާ ހުންނެވީ ސަސްޕެންޝަނުގައެވެ.

ސިޔާސީގޮތުން ބާރުގަދަ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ އުމުރުން 39 އަހަރުގެ ޕެއިޓޮންގްޓާން ޝިނަވާޓް އަކީ ތައިލެންޑުގެ އެންމެ ޒުވާން ބޮޑުވަޒީރެވެ. އޭނާއަށް އެ މަގާމުގައި ދެމިހުންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފައި މިވަނީ، އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިޝްތިހާރު އިޝްތިހާރު

އެ މައްސަލައިގައި ތައިލެންޑުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޝިނަވާޓްގެ ކިބައިގައި ބޮޑުވަޒީރުކަމުގެ ޝަރުތު އަދި ސިފަތައް ހަމަނުވާ ކަމަށެވެ. އެހެންކަމުން އޭނާ މަގާމުން ވަކިކުރުމަށް ވަނީ ނިންމައިފައެވެ.

ތައިލެންޑާއި ކެމްބޯޑިއާއާ ދެމެދު ޖެހިފައިވާ ބޯޑަރުގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ޝިނަވާޓް އާއި ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހުން ސެންގެ ފޯނު ކޯލެއް ވަނީ ލީކުވެފައެވެ.

އެ ފޯނު ކޯލުގައި ހުން ސެންއަށް ޝިނަވާޓް މުހާތަބުކުރައްވާފައިވަނީ "ބޮޑުބޭބެ"ގެ ގޮތުގައެވެ. އަދި ކެމްބޯޑިއާގެ ސިފައިންގެ މީހެއްގެ މަރުގެ މައްސަލައިގައި، އަމިއްލަ ގައުމުގެ ސިފައިންނަށް ޝިނަވާޓް ވަނީ އެ ފޯނު ކޯލުގައި ފާޑުވިދާޅުވެފައެވެ.

އޭގެ އިތުރުން ބޭނުންވާ ކަމެއް ދެންނެވުމުން އެކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް އެ ފޯނު ކޯލުގައި ޝިނަވާޓް ދެއްވިއެވެ.