ހދ. ހަނިމާދޫގެ އަވަށު ތެރޭގައި ބެހެއްޓި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

ހަނިމާދޫއިން އޭޓީއެމްގެ ޚިދުމަތް ލިބެމުން އަންނަތާ ދުވަސްތަކެއް ވެފައިވީނަމަވެސް، އެ އޭޓީއެމް ބަހައްޓާފައި ހުންނަނީ އެއާޕޯޓް ސަރަހައްދުގައެވެ.

ހަނިމާދޫގެ އަވަށު ތެރޭގައި ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ.

އިޝްތިހާރު އިޝްތިހާރު

އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ.

ހަނިމާދޫގައި އަލަށް ބެހެއްޓި ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.

މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބޭނެއެވެ.

ހަނިމާދޫގައި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އައިބީއެމް)ގެ އޭޓީއެމެށް ބެހެއްޓުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.