ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަކޮށްގެން 25 އިންޓާންޝިޕް ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން ހުޅުވާލި މި ފުރުސަތަކީ ޒުވާން ދިވެހިންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ބީއެމްއެލުން އެއް އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެއެވެ. އަދި ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގައި އަމަލީގޮތުން ބައިވެރިވެ، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ މަގު ފަހިވާނެއެވެ.

މި ފުރުސަތަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ މީހުންނާއި، އެ ދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތައް ހިމެނެއެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު 11،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މުވައްޒަފުންނަށް ލިބޭ އެހެނިހެން އިނާޔަތްތަކުގެ ތެރެއިން ރޯދަ އިނާޔަތާއި، އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
ބީއެމްއެލުން މި އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން މިހާތަނަށް ހަތް ބެޗެއްގައި ޖުމްލަ 98 އިންޓާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އޭގެ ތެރެއިން 60 ޕަސެންޓް ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ވަނީ ލިބިފައެވެ. އަދި މިހާރު ހުޅުވާލާފައިވާ ޕްރޮގްރާމްގައިވެސް ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ.











ކިޔުންތެރިންގެ ހިޔާލު