ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މި އަހަރުގެ ތިން ވަނަ ކުއާޓާއާ ހަމައަށް 373,600 އަށްވުރެ ގިނަ ރެމިޓަންސް މުޢާމަލާތް މެދުވެރިކޮށް ރާއްޖޭން ބޭރަށް ފޮނުވާފައިވާ ފައިސާގެ އަދަދު 2.86 ބިލިއަން ޑޮލަރަށް އަރައިފިއެވެ.
ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންނަށް 722 މިލިއަން ޑޮލަރު ބީއެމްއެލްއިން ފޯރުކޮށްދީފައިވާއިރު، މިއީ 2025 ވަނަ އަހަރު މުޅިއެކު ދޫކުރި 733 މިލިއަން ޑޮލަރާ އެއްވަރުގެ އަދަދެކެވެ. މީގެއިތުރުން، ރެމިޓަންސް އަދި ކާޑު ސެޓްލްމަންޓްތަކުގެ ޒަރީޢާއިން ބޭންކަށް 2.96 ބިލިއަން ޑޮލަރު ވަދެފައިވާކަން ބީއެމްއެލްއިން ހާމަކުރެއެވެ.
ނަމަވެސް، މި އަހަރުގެ ސެޕްޓެމްބަރު މަހު ބީއެމްއެލްއަށް ބޭރު ފައިސާގެ ގޮތުގައި ލިބުނު 240 މިލިއަން ޑޮލަރަކީ ފާއިތުވި އަހަރުގެ އެ މަހާ އަޅާބަލާއިރު 6 އިންސައްތަ ދަށް އަދަދެކެވެ. ސެޕްޓެމްބަރު މަހަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ތަޢުލީމީ އާ އަހަރު ފެށޭ ދުވަސްވަރު ކަމަށްވުމުން، ތަޢުލީމީ ކަންކަމަށް އެކަނިވެސް ފާއިތުވި މަހު 8.2 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއީ އެވްރެޖް މަހަކަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ބީއެމްއެލްއިން ބޭރު ފައިސާ ދޫކުރި މައިގަނޑު ދާއިރާތަކުގެ ތެރޭގައި ކާޑު މުޢާމަލާތްތަކަށް 336 މިލިއަން ޑޮލަރު، ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) އަށް 224 މިލިއަން ޑޮލަރު، ދަތުރުފަތުރަށް 86 މިލިއަން ޑޮލަރު، ތަޢުލީމީ ބޭނުންތަކަށް 40 މިލިއަން ޑޮލަރު އަދި ސިއްޙީ ބޭނުންތަކަށް 33 މިލިއަން ޑޮލަރު ހިމެނެއެވެ. ދުނިޔޭގެ ބާޒާރުގައި ޑޮލަރު ހޯދުމުގެ ޚަރަދު ބޮޑުވުމާއި އެތެރޭގެ ބާޒާރުގައި ޑޮލަރުގެ ޑިމާންޑް މައްޗަށް ދިއުމުގެ ގޮންޖެހުންތައް ބީއެމްއެލްއިން މެނޭޖްކުރަނީ ހަރުދަނާ އުޞޫލުތަކެއްގެ މަތިން ބެލެންސް ޝީޓް ބަލަހައްޓައިގެންނެވެ.










ކިޔުންތެރިންގެ ހިޔާލު