ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމު ކުށްވެރިކޮށް، ދިވެހި އެތައް ބައެއްގެ ބައިވެރިވުމާއެކު އެކަމާ ދެކޮޅަށް "ގައުމީ ބޮޑު ހަރަކާތް" އެއްވުން ކުރިއަށްގެންގޮސްފިއެވެ.

މާލޭގައި މިއަދު ހަވީރު "ގައުމީ ބޮޑު ހަރަކާތް" އެއްވުން ބާއްވީ މާފަންނު ސްޓޭޑިއަމްގައެވެ. އެ އެއްވުމުގައި ގިނަ ދިވެހި ރައްޔިތުންތަކެއް ބައިވެރިވެ، ފަލަސްތީނާއެކު ދިވެހީން ތިބިކަން ވަނީ ފާޅުކޮށްފައެވެ.

އެ އެއްވުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް މިއަދު ހަވީރު ކުރިއަށްގެންދިޔައެވެ. އެ ރަށްރަށުގައި ބޭއްވި އެއްވުންތަކުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

އިޝްތިހާރު އިޝްތިހާރު

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން އިސްނަގައިގެން ބޭއްވި އެ އެއްވުންތަކުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކުޑަކުދިން ހިމެނޭހެން އެކި އުމުރުތަކުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ އެ ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ އިޒްރޭލުން ފަލަސްތީނު ހިސޯރު ކުރުން ނައްތާލުމަށް އަޑުއުފުލައި، ދުނިޔޭގެ ސަރުކާރުތަކަށް އެކަމުގައި ބާރު އެޅުމެވެ.