ތެލަސީމިއާ ކުދިންނާއި މީހުންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް ހޮޓްލައިން ނަމްބަރެއް ތައާރަފުކޮށްފިއެވެ.

އެމްބީއެސް އިން ތެލަސީމިއާ ކުދިންނާއި މީހުންނަށް ހާއްސަކޮށްގެން ތައާރަފުކުރި އެ ނަމްބަރަކީ 7333645 އެެވެ.

އެމްބީއެސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަމްބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށާއި އެ ނަމްބަރުން ވައިބާ އަދި ވަޓްސް އެޕް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް އެކުދީންނަށް ދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ހާއްސަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމާއި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެމްބީއެސް އިން އަންނަނީ ކުރަމުންނެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ހިދުމަތް ފުޅާކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެތައް އަހަރެއްވަންދެން ތެލަސީމިއާ ސެންޓަރު ހިންގަމުންދިޔަ އިމާރާތް ދޫކޮށްލައި، ހުޅުމާލޭ އޮރެންޖު ހިޔާއަށް ވަނީ އިމާރާތް ބަދަލުކޮށްފައެވެ.

އޭގެ އިތުރުން ތެލަސީމިއާ ކުދިންނާއި މީހުންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.