ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

އެމްއެންޑީއެފުން އެ މަސައްކަތް ފަށާފައިވަނީ ހުޅުމާލޭ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު އެދިވަޑައިގެންނެވުމުންނެވެ.

ކޮވިޑް-19 ގެ ދުވަސްވަރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އޮރެންޖު ހިޔާގައި ކުރިއަށްދާ މަސައްކަތް ބައްލަވައިލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވައިފައެވެ.

އިޝްތިހާރު އިޝްތިހާރު

މާލޭގައި ހުރި ތެލަސީމިއާ ސެންޓަރު ބާވެ، އެ ސެންޓަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއެކު ރައީސް މުއިއްޒު ވަނީ އޮރެންޖު ހިޔާ ތަރައްގީކޮށް އެތަނަށް އެ ސެންޓަރު ބަދަލުކުރަން ވެރިކަމުގެ ވަރަށް ކުރީކޮޅު ނިންމަވައިފައެވެ.

ރައީސް އެގޮތަށް ނިންމެވި ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާތީ އެ މަނިކުފާނު ވަނީ، އެއް މަސް ދުވަހުގެ ތެރޭގައި އެ ސެންޓަރު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރުމަށް އަންގަވައިފައެވެ.

އެމްއެންޑީއެފުން މަސައްކަތްކުރަމުން އަންނަނީ އެ މަސައްކަތް އަންނަ މަހުގެ 25ގެ ކުރިން ނިންމުމަށެވެ.