ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުއްމީދަކީ އައިކާއޯ ސޭފްޓީ އޮޑިޓުން ރަނގަޅު ނަތީޖާއެއް ލިބުން: އަމީން

TTH_Ads
STO_Ads

ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޖަމްޢިއްޔާ (އައިކާއޯ) އިން ކުރިއަށްގެންދާ ސަލާމަތީ އޮޑިޓުން ކުރީގެ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެކަމުގެ އުއްމީދު އޮތްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

11 އަހަރުގެ ހުސްވަގުތަކަށްފަހު މިހާރު ކުރިއަށްދާ މި އޮޑިޓަކީ އައިކާއޯގެ “ޔުނިވަރސަލް ސޭފްޓީ އޯވަސައިޓް އޮޑިޓް ޕްރޮގްރާމް” ގެ ދަށުން ހިންގޭ އޮޑިޓެކެވެ. މި އޮޑިޓުގެ މަޤްޞަދަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޤައުމުތަކުގައި ޤާއިމުކުރެވިފައިވޭތޯ ބެލުމެވެ.

Maldivian_Ads

އޮޑިޓު ޓީމާއެކު ބޭއްވުނު ބައްދަލުވުމެއްގައި ވަޒީރު އަމީން ވިދާޅުވީ، މި ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތައް އެ ޓީމާ ހިއްސާކުރެވިފައިވާ ކަމަށެވެ. އަދި މިފަހަރުގެ އޮޑިޓުން ކުރީގެ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެކަމުގެ އުއްމީދު އޮތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރީގެ އޮޑިޓުން ރާއްޖެއަށް ލިބިފައިވަނީ 54% ކަމަށާއި، މިފަހަރުގެ އަމާޒަކީ މި މިންގަނޑު 75% ނުވަތަ 80% އަށް އުފުލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ސިވިލް އޭވިއޭޝަން ޤާނޫނު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވައިގެ ދަތުރުފަތުރުގެ ހާދިސާތަކާއި މައްސަލަތައް ތަޙުޤީޤުކުރުމުގެ މަސްއޫލިއްޔަތު ވަކި އިދާރާއަކާ ހަވާލުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ “މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު” ގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

އައިކާއޯގެ ސަލާމަތީ އޮޑިޓު ކުރިއަށްދާނީ މި މަހުގެ 11 އިން 23 އަށެވެ. މި އޮޑިޓުގައި ވައިގެ ދަތުރުފަތުރުގެ ކަންކަން އިންތިޒާމުކުރުމުގައި ޤާނޫނީ، އިދާރީ އަދި ފަންނީ ގޮތުން ހަމަޖެހިފައިވާ ގޮތް ވަޒަންކޮށް މާކްސް ދެވޭނެއެވެ. ސަރުކާރުން ދަނީ މި ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި ސިވިލް އޭވިއޭޝަން އަލުން އެކުލަވާލައި، އެ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.

މި އޮޑިޓުގެ ނަތީޖާއިން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު ދެނެގަނެވި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ މަޤާމު ވަޒަންކުރެވޭނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބޭރު ޤައުމުތަކުގެ އިތުބާރު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ.

ވަޒީރު މުޙައްމަދު އަމީން ފާހަގަކުރެއްވި ގޮތުގައި، މި އޮޑިޓުގެ ނަތީޖާ ރަނގަޅުވުމަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތުން ހާސިލުކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ވައިގެ ދަތުރުފަތުރުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން މިކަމުގައި ވަރަށް މުހިންމެވެ.

މި އޮޑިޓުގެ ނަތީޖާއިން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ހާލަތު އިތުރަށް ރަނގަޅުވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައަކަށް ގެނައުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް އުއްމީދުކުރެވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެކެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހަނގުރާމައާ ގުޅިގެން އުދުހުންތައް ހުއްޓާލި ބައެއް އެއާލައިންތަކުން އަލުން ރާއްޖެއަށް ދަތުރުކުރަން ފަށައިފި

ވެހިކަލް ރެޖިސްޓްރޭޝަނަށް ދިމާވާ މައްސަލަ ޕާކިން ބިލްޑިންތަކާއެކު ޙައްލުވާނެ: އަމީން

Oo

މާލެ ސަރަޙައްދުގައި ހަތް ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފެށުމަަށް ސަރުކާރުން ތައްޔާރުވެއްޖެ

އިލެކްޓްރިކް ކާރުތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރަނީ