ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި ޑިޖިޓަލް ނިޒާމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެފައިވަނީ، ރާއްޖޭގައި ދެވޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މި ވާހަކަ ވަޒީރު ވިދާޅުވެފައިވަނީ އިންޑިޔާގެ އެޕޯލޯ ހޮސްޕިޓަލްސްއިން އިންތިޒާމުކޮށްގެން ބޭއްވި 12 ވަނަ އިންޓަނޭޝަނަލް ޕޭޝަންޓް ސޭފްޓީ ކޮންފަރެންސްގެ ތެރެއިން ކުރިއަށްގެންދިޔަ ގްލޯބަލް ހެލްތު ޑައިލޮގްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ޑިޖިޓަލް ޞިއްޙީ ނިޒާމެއްގެ ސަބަބުން ރައްކާތެރި އަދި އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށާއި، އިންސާނީ އޮޅުންތައް މަދުކޮށް، ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް ފްރޭމްވަރކް އަވަހަށް ތަޢާރަފުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
Ministry of Health, Family and Welfare@MoHmvAt the #IHD2025, Minister @ANazim2019 joined the high-level panel “Transformations in Patient Safety”, emphasizing the need for actionable strategies to leverage digital health for equitable healthcare access.
#PatientSafety #DigitalHealth #GlobalHealth #IPSC2025 #ApolloIHD


ވަޒީރު އިތުރަށް ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއަރ އަދި ވެކްސިނޭޝަނާ ގުޅުންހުރި ޑިޖިޓަލް ޕްލެޓްފޯމްތައް މިހާރު ވަނީ ޤާއިމުކުރެވިފައި ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަކީ ޑިޖިޓަލް ޞިއްޙީ ނިޒާމެއް ޤާއިމުކުރުމުގެ ދާއިރާގައި ސަރަޙައްދީ ފެންވަރުގައި ފާހަގަކުރެވޭ ޤައުމަކަށް ވެފައިވާ ކަމަށެވެ.
ނަމަވެސް، ޑިޖިޓަލް ނިޒާމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކާ މެދުވެސް ވިސްނަންޖެހޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސައިބަރ ސެކިއުރިޓީ ފްރޭމްވަރކްތައް ހަރުދަނާކޮށް، ސިސްޓަމްތައް ދާއިމީކޮށް މޮނިޓަރކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.