ސްރީލަންކާގައި ކުރިން ކުރި މަރުގެ ހުކުމަކުން އެ ގައުމުގެ އިސްތިއުނާފު ކޯޓުން ސަލާމަތްވެ މިނިވަންވި ދިވެއްސަކު، ގިނަ ޢަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލްގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ ގައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ބުދަ ދުވަހުގެ މެންދުރުފަހު 1:00 އެހާކަންހާއިރު ކަތުމަންޑޫގެ ތަމެލް ސަރަހައްދުގައި ހިންގާ ސްނޯލައިން ހޮޓަލުގެ ކޮޓަރިއެއް ބަލައިފާސްކޮށް އަތުލައިގަތީ، އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާ ޔުގީތު އިބްރާހީމާއި، ނޭޕާލަށް ނިސްބަތްވާ 20 އަހަރުގެ އަންހެނެއް ކަމަށްވާ ސްނޭހާ ރިމާލްއެވެ.

ޔުގީތުގެ މައްޗަށް ލަންކާގެ ނިގަމްބޯ ހައި ކޯޓުން 2018 ވަނަ އަހަރުގެ މެއި މަހު މަރުގެ އަދަބު ކަނޑައެޅީ، 1.296 ކިލޯގްރާމްގެ ހެރޮއިން ފެނުނު މައްސަލައެއްގައެވެ. އެހެންނަމަވެސް، އެ ގައުމުގެ ޖަލުގައި އަށް އަހަރު ހޭދަކުރި ފަހުން، ދަށު ކޯޓުގެ ނިންމުމުގައި ޝަރުޢީ އަދި އިޖުރާއީ ބޮޑެތި ކުށްތަކެއް ހުރިކަމަށް ކަނޑައަޅައި، ހެކި ރައްކާތެރިކުރުމުގައި އިހުމާލުވެފައިވުމާއި މުހިންމު ހެކި މަދުވުމުގެ ސަބަބުން އިސްތިއުނާފު ކޯޓުން ވަނީ އޭނާ މިނިވަންކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ޔުގީތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ނެޓްވޯކްތަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ކަމުގެ ތުހުމަތު އޮތް މީހެކެވެ.

ފުލުހުންގެ ޖާސޫސީ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލައިންޗޯރު ޕޮލިސް ސާކަލްގެ ފަރާތުން ހިންގި ޚާއްޞަ ހަރަކާތުގައި، މި ދެ މީހުން ތިބި ކޮޓަރި ތެރެއިން 5.05 މިލިއަން ނޭޕާލީ ރުޕީސް (ދިވެހި ފައިސާއިން ގާތްގަނޑަކަށް 526،750ރ.) އާއި، 4،215 އޮމާނީ ރިޔާލް (ގާތްގަނޑަކަށް 169،189ރ.) އަދި ޔޫއޭއީގެ 55 ދިރުހަމް (ގާތްގަނޑަކަށް 231ރ.) ފެނިފައިވެއެވެ. މި ހުރިހާ ފައިސާއެއް އެއްކޮށްލުމުން ދިވެހި ރުފިޔާއިން ގާތްގަނޑަކަށް ޖުމްލަ 696،170ރ. އަށް އަރައެވެ.

ކަތުމަންޑޫ ޑިސްޓްރިކްޓް ޕޮލިސްގެ ތަރުޖަމާނު އެސްޕީ ދާން ބަހާދުރު ތާޕާ ވިދާޅުވި ގޮތުގައި، އެ ދެ މީހުންނަކީ ކައިވެނިކުރަން އުޅޭ ބައެއް ކަމަށް ފުލުހުންނަށް ބަޔާން ދީފައިވެއެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި، އަދި އެހާ ގިނަ އަދަދެއްގެ ފައިސާ ހޯދި ގޮތުގެ އެކަށީގެންވާ ސައްހަ ސަބަބެއްވެސް އެ މީހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި ބަންދުކުރި ދެ މީހުން މިވަގުތު ތިބީ ލައިންޗޯރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި މަނީ ލޯންޑަރިންގެ އަމަލުތަކާ ގުޅޭގޮތުން އިތުރަށް ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، ނޭޕާލްގެ ޑިޕާޓްމަންޓް އޮފް މަނީ ލޯންޑަރިން އިންވެސްޓިގޭޝަނާ މައްސަލަ ހަވާލުކުރުމުގެ މަރުހަލާތައް މިހާރު ދަނީ ހިނގަމުންނެވެ.