މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީ ހުޅުދޫގައި އެ ކުންފުނީގެ އައު މަސްފިހާރައެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިފްކޯގެ އަށްވަނަ މަސްފިހާރަ ހުޅުއްވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު އަނަސްއާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. މިއީ މާލެ ސަރަޙައްދުން ބޭރުގައި މިފްކޯއިން ހުޅުވި ތިންވަނަ މަސްފިހާރައެވެ. މީގެ ކުރިން މާލޭގައި ދެ ފިހާރައާއި ހުޅުމާލޭގައި ތިން ފިހާރަ ހިންގަމުން އަންނައިރު، މި އަހަރުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫއާއި ފުވައްމުލައް ސިޓީގައިވެސް ވަނީ މިފްކޯގެ މަސްފިހާރަ ހުޅުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، ބަނދަރު ސަރަޙައްދުގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ހުންނަ ތަނަކަށްވާތީ، ރަށު ތެރެއިން ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ހުޅުދޫ ރައްޔިތުން ވަރަށް ބޮޑަށް އެދިފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެހެންކަމުން، ބަނދަރުގައި ހުންނަ ފިހާރަ މަސްވެރިންނަށް ޚާއްޞަކޮށް، އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހުޅުދޫގައި މި ފިހާރަ ހުޅުވީ ރައްޔިތުންގެ އެ އެދުމަށް ޢަމަލީ ޖަވާބެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ އުފެއްދުންތައް މެދުކެނޑުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި "ލޯކަލް ޕްރޮޑަކްޝަން ހައުސް" އެއް ޤާއިމުކުރުމުގެ މަސައްކަތް ރޭވި ކުރިއަށްދާކަން ސީއީއޯ ވަނީ އިޢުލާނުކުރައްވާފައެވެ.

މި ޕްރޮޑަކްޝަން ހައުސްގެ ސަބަބުން ދެކުނުގެ އިޤްތިޞާދަށް އައު ދިރުމެއް ލިބި، ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހެދިކާ ހެދުން ފަދަ އިޤްތިޞާދީ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރާ ހުޅުދޫގައި ހުޅުވި މި ފިހާރައިން، އެފަދަ މަސައްކަތްތަކަށް ބޭނުންވާ ތަކެއްޗާއި މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ހެޔޮ އަގުގައި ލިބެން ހުންނާނެއެވެ.