ތެލެސީމިއާއަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީއާއި ބަހުގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދުން ފެށިގެން މި ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ތެލެސީމިއާއަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑެއް އޮންނަ ކޮންމެ މީހަކަށާއި، އެ މީހަކާއެކު ދަތުރުކުރާ އެހީތެރިއަކަށް ވެސް މި ޚިދުމަތް ހިލޭ ލިބިގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

އާރުޓީއެލްގެ ދަތުރުތައް ހިލޭ ލިބޭނެ އިންތިޒާމު އިތުރަށް ފުޅާކޮށްފައިވާއިރު، މިހާރުވެސް ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އާރުޓީއެލް ފެރީއާއި ބަހުގެ ޚިދުމަތް ދެމުން އަންނަނީ ހިލެއެވެ. މީގެ އިތުރުން އުމުރުން ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، ސްކޫލް އަދި ޔުނިވަރސިޓީ ދަރިވަރުންނަށް ވެސް މި ޚިދުމަތްތައް ހިލޭ ލިބެމުންދެއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ ދަތުރުފަތުރުގެ އެންމެ ބޮޑު ކުންފުނީގެ ގޮތުގައި އެމްޓީސީސީގެ މައިގަނޑު އަމާޒަކީ މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި އިންތިޒާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 ނުވަތަ 7369221 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.