އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ ގައި ޔޫއޭއީގެ އަލް ޖަޒީރާ އާއި އީރާނުގެ ގޮލް ގޯހަރ ބައްދަލުކުރި މެޗުގައި، ރެފްރީ މަސްތުގެ ހާލަތުގައި ހުރިކަމަށް ކުރެވުނު ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން މެޗުގެ ފުރަތަމަ ހާފަށްފަހު އޭނާ ބަދަލުކޮށްފިއެވެ.

ބުދަދުވަހު ކުޅުނު މި މެޗުގައި ފެނިގެންދިޔަ މި ހައިރާންކުރުވަނިވި ހާދިސާގައި، ސީރިއާގެ ރެފްރީ ހަންނާ ހައްތާބުގެ ފަރާތުން ސުވާލު އުފެދޭ ގިނަ ނިންމުންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ވަކިން ހާއްސަކޮށް މެޗުގެ 32 ވަނަ މިނެޓުގައި މެދުތެރެއިން ގޮލް ގޯހަރގެ އަލީ އަސްގަރް އަޝޫރީއަށް ކުރި ފައުލަކަށްފަހު، ރެފްރީ ގޮތެއް ނުނިންމައި އިރުކޮޅަކު މަޑުކުރުމަށްފަހު އަލް ޖަޒީރާގެ ތުރުކީ ގޯލްކީޕަރު އަރުސިން ދެސްތާނޮގްލޫ އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. ކުޅުމާ މާ ދުރުގައި ހުރި ގޯލްކީޕަރަށް ކާޑު ދެއްކުމުން ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ބުނާނެ އެއްޗެއް ނޭނގި އަންތަރީސްވެފައެވެ. އަދި އެވަގުތު ރެފްރީގެ ވިސްނުން ހަމަނުޖެހޭ ފަދަ ގޮތަކަށް ހުރިކަން ގިނަ ބަޔަކަށް ފާހަގަކުރެވުނެވެ.

މި ހާދިސާއާ ގުޅިގެން ގޮލް ގޯހަރގެ ކޯޗު މަހްދީ ރަހްމަތީ، ރެފްރީ ހުރީ މަސްތުވެގެން ކަމަށް ބުނެ ހަޅޭއްލަވާ މަންޒަރު ވީޑިއޯތަކުން ވަނީ ފެނިފައެވެ. މި ތުހުމަތުތައް ރަސްމީކޮށް އަދި ކަށަވަރު ނުވި ނަމަވެސް، މެޗުގެ ހާފްޓައިމްގައި އޭއެފްސީން ވަނީ މި މައްސަލައިގެ ތެރެއަށް ވަދެ ރެފްރީ ބަދަލުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މެޗަށްފަހު ވާހަކަދައްކަމުން ގޮލް ގޯހަރގެ ޓީމު މެނޭޖަރު ހައިދަރު އަފްސާރީ ވިދާޅުވީ، ރެފްރީ ހުރީ އާދައިގެ ހާލަތެއްގައި ނޫން ކަމަށާއި، އަދި އަލް ޖަޒީރާގެ ކުޅުންތެރިން ވެސް އެކަން އެމީހުންނަށް ފާހަގަކުރި ކަމަށެވެ.

"އަޅުގަނޑުމެން ވަގުތުން މެޗުގެ އޮފިޝަލުންނަށް މިކަން އެންގިން. އަދި މި ހާލަތުގައި މެޗު ކުރިއަށްދާނަމަ އިތުރަށް ނުކުޅޭނެ ކަމުގެ އިންޒާރު ދިނިން. އަލް ޖަޒީރާގެ 77 ނަންބަރު ކުޅުންތެރިޔާ (ޖޯއޯ މިލްސަން) ދެވަނަ ފައުލަކަށްފަހު ދަނޑުން ފޮނުވާލަން ޖެހޭ ހާލަތުގައި، ރެފްރީ އެ ކާޑު ލިޔުނީ އިދިކޮޅު ގޯލްކީޕަރުގެ ނަމުގައި،" އަފްސާރީ ވިދާޅުވިއެވެ.

އަފްސާރީ އިތުރަށް ވިދާޅުވީ އޭއެފްސީއަށް މިކަން އެންގުމާ ގުޅިގެން ރެފްރީ ވަގުތުން ބަދަލުކުރި ކަމަށެވެ. ހަމަނުޖެހުން ބޮޑުވި މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ޖަޒީރާއިންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކުރިން ފެނަބާޗޭއަށް ކުޅުނު އެންޑަސަން ޓަލިސްކާއެވެ.