ސަރުކާރުން ރަށްރަށުގެ ކައުންސިލް އިދާރާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ރ. ކިނޮޅަހު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމައި ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފިއެވެ. ކިނޮޅަހަކީ ސަރުކާރުން އަތޮޅުތަކުގައި އިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރޭގައި ހިމެނޭ އެއް ރަށެވެ.
އާބާދީގައި ގާތްގަނޑަކަށް 600 އެއްހާ މީހުން ދިރިއުޅޭ ކިނޮޅަހުގައި މިހާރު ކައުންސިލްގެ ޚިދުމަތް ދެމުން އަންނަނީ މީގެ އެތައް އަހަރެއް ކުރިން ބިނާކޮށްފައިވާ، ވަރަށް ބޮޑަށް ބާވެ ޖާގައިގެ ގޮތުން ދަތި އިމާރާތެއްގައެވެ. ކައުންސިލްތަކުގެ ޒިންމާތަކާއި މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން މިހާރު ބޭނުންކުރާ އިމާރާތުގައި ޚިދުމަތް ދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ކިނޮޅަހު ކައުންސިލްގެ ރައީސް އަޙުމަދު ޙުސައިން ވިދާޅުވީ، ކައުންސިލަކީ ރައްޔިތުންނާ ގުޅުންހުރި ރަށްވެހި އެތައް ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ވާއިރު، އިމާރާތް ބާވެ ޖާގަ ކުޑަވުމުގެ ސަބަބުން އިދާރީ ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައަށް ޙައްލެއް ހޯދުމަށް ކޮންމެ އަހަރަކުވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަމުން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އިމާރާތުގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކެވެ. އަދި އައު އިމާރާތަށް ބޭނުންވާ މައިގަނޑު ވަސީލަތްތައްވެސް މިހާރު ވަނީ ހޯދާފައެވެ.
މި އައު އިމާރާތް ފަރުމާކޮށްފައިވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތަކަށް ފަހިވާނެ ގޮތަށެވެ. އަދި ރައްޔިތުންނަށް ދޭ އިދާރީ ޚިދުމަތްތައް ޒަމާނީ ފެންވަރެއްގައި، އަވަހަށް އަދި ފަސޭހަކަމާއެކު ދެވޭނެ އެކަށީގެންވާ ޖާގައާއެކުގައެވެ.
ރަށްރަށުގައި ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތުގެ ތެރޭގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިދާރާގެ މަސައްކަތްވެސް ހިމެނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.