ރ. ކިނޮޅަސް ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.
މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި އިމާރާތުގެ އެތެރޭގެ ސީލިންގް ކުރުމުގެ މަސައްކަތާއި، ފްލޯ ކޮންކްރީޓް ސްކްރީޑް އެޅުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން އިމާރާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަހާ އިންފާރުގެ ލިންޓެލް ބީމްތައް އެޅުމުގެ އަމަލީ މަސައްކަތްތައް ސައިޓުގައި ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ދަނީ ކުރެވެމުންނެވެ.
މި މަޝްރޫއަކީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްޓީސީސީއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 10 ރަށެއްގައި ޕޮލިސް ޕޯސްޓް އިމާރާތް ކުރުމާއި 5 ރަށެއްގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން ޕޮލިސް ޕޯސްޓްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާ 10 ރަށަކީ އދ. އޮމަދޫ، އއ. ފެރިދޫ، ބ. މާޅޮސް، ރ. ކިނޮޅަސް، ނ. ފޮއްދޫ، ހދ. ފިނޭ، ދ. ރިނބުދޫ، ރ. ފާއިނު، ނ. މާފަރު އަދި ބ. ފުޅިދޫއެވެ. މީގެއިތުރުން ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އއ. އުކުޅަސް، ދ. މީދޫ، ކ. މާފުށި، ކ. ތުލުސްދޫ އަދި ނ. މަނަދޫގައެވެ.
މުޅި ރާއްޖޭގައި ގާއިމުކުރެވޭ މި އުމްރާނީ ވަސީލަތްތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ރަށްރަށުގެ އިޖުތިމާއީ ރައްކާތެރިކަމާއި އަމަންއާމާންކަން ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.











ކިޔުންތެރިންގެ ހިޔާލު