ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ހާއްސަ ކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަށް ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ 'ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރއިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް'ގެ ދަށުން 3 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ، މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުޞަތު މިޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

އިޝްތިހާރު އިޝްތިހާރު

މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. ޕްރޮގްރާމް ކުރިޔަށްދާ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައިވާއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ޝަރުތުތަކަކީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރާކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުމާއި، އުމުރުން 18 - 30 އަހަރުގެ ފަރާތަކަށްވުމާއި، މަސްވެރިކަމާބެހޭ ވުޒާރާގެ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށްވުމެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މިކަމާގުޅޭ ފޯމު ފުރިހަމަ ކުރުމަށްފަހު ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެވުޒާރާއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދޭނީ، މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 05 ޒުވާނަކަށް ކަމަށްވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.