ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރުމަށް ފަސޭހައިން ޒިޔާރަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖެއް މާލެއާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދެ ލައުންޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ހުޅުވި ދެ ލައުންޖެވެ. މި ބިއުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހައި، އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ގާއިމުކުރެވުނު ނިޒާމެކެވެ.

މާލެ ސަރަޙައްދުގައި ހުޅުވި މި ދެ ލައުންޖުގެ ތެރެއިން މާލޭގެ ލައުންޖު ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ. އަދި ހުޅުމާލޭގެ ލައުންޖު ގާއިމުކޮށްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގގެ ތިރީ ފަންގިފިލާގައެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް މި ދެ ލައުންޖުން ޚިދުމަތް ފޯރުކޮށްދޭނެއެވެ. މީގެއިތުރުން، ކުރިއަށް އޮތް ކައިރި މުސްތަޤުބަލެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް މިފަދަ ލައުންޖެއް ހުޅުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ރަސްމީކޮށް އުފެއްދެވީ މިއަހަރުގެ އެޕްރީލް މަހުގެ 16 ވީ ބުރާސްފަތި ދުވަހުއެވެ. އެ އޮފީހަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚާއްޞަކޮށްގެން ގާއިމުކުރެއްވި ތަނެކެވެ.

މި ނިޒާމު އިތުރަށް ހަރުދަނާކޮށް، ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ވީހާވެސް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން މިހާރު ވަނީ 'ސިޓިޒަންސް ވޮއިސް' ގެ ނަމުގައި ޚާއްޞަ ވެބް ޕޯޓަލެއް ވެސް އިފްތިތާޙުކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ވެސް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ރައްޔިތުންނަށް އެމީހުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ސަރުކާރަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފައެވެ.