އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ހިނގާ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 817 މިލިއަން ޑޮލަރުގައެވެ. މި ވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަސައްކަތަކީ ދައުލަތުގެ ރިޒާވް އިތުރަށް ވަރުގަދަކުރުމެވެ.

ބަޖެޓު ފޮތުގައި ރިޒާވުގެ ހާލަތަށް އަލިއަޅުވާލަމުން ފާހަގަކޮށްފައިވަނީ، މި އަހަރު ނިމޭއިރު ރަސްމީ ރިޒާވުގައި 817.17 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %16.9 ގެ ދަށްވުމެކެވެ. ސަބަބަކީ މިދިޔަ އަހަރު ނިމުނުއިރު ރިޒާވްގައި 984.6 މިލިއަން ޑޮލަރު ހުރުމެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގުތައް އުފުލިފައިވާ ދަނޑިވަޅެއްގައި ވެސް، ބޭރުގެ ބޮޑު ދަރަންޏެއް ދައުލަތުން އަދާކޮށްފައިވާ ކަމަށް ބަޖެޓު ފޮތުގައި ފާހަގަކޮށްފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ރިޒާވް ހުންނާނެ މިންވަރު އަންދާޒާކުރުމުގައި ބަލާފައިވަނީ، މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާއި، ބޭރު ފައިސާ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކާއި، މަނިޓަރީ ސިޔާސަތަށް ގެނައި އިސްލާހުތަކަށެވެ. މީގެ އިތުރުން ކުރިއަށްއޮތް ތަނުގައި ލިބޭނެ ކަމަށް އުއްމީދުކުރާ ބޭރުގެ ފައިނޭންސިންގއަށް ވެސް މި އަންދާޒާތަކުގައި ރިއާޔަތްކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި އަހަރު ނިމޭއިރު ރިޒާވް ކުރީ އަހަރަށް ވުރެ ދަށްވާނެ ކަމަށް ލަފާކުރެވެނީ، ބޭރުގެ ދަރަނި ދެއްކުމަށް ރިޒާވުން ބޮޑު ހޭދައެއް ކުރަން ޖެހުމުންނެވެ. މި އަހަރުގެ ޖެނުއަރީ މަހު ރަސްމީ ރިޒާވް ވަނީ 1 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ޖެހިލާފައެވެ. އަދި ރިޒާވް ހަރުދަނާކުރުމަށް އެޅި ފިޔަވަޅުތަކާ އެކު، މާޗު މަހުގެ ނިޔަލަށް އެ އަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރުކުރެވިފައެވެ. ރިޒާވް ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެގޮތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން، ޝަރުތު ހަމަވާ ވިޔަފާރިތަކުން އާމްދަނީގެ %40 ބޭންކުތަކަށް މާރުކުރުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. މިގޮތުން ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ވަކި ބައެއް މަރުކަޒީ ބޭންކަށް ވިއްކާއިރު، އެމްއެމްއޭއިން އެ ފައިސާ ބޭނުންކުރަނީ ރިޒާވް ވަރުގަދަކުރުމަށެވެ.

ރިޒާވް އިތުރުވަމުން ދިޔުމާއެކު، މި އަހަރުގެ އެޕްރީލް މަހު އަދާކުރަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް ދެއްކުމަށް ވެސް ރިޒާވުން ވަނީ ބައެއް ހޭދަކޮށްފައެވެ. މި ދަރަނި އަދާކުރުމަށްޓަކައި 350 މިލިއަން ޑޮލަރު ނަގާފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުންނެވެ. އަދި ބާކީ ބައި ދައްކާފައިވަނީ ރަސްމީ ރިޒާވުންނެވެ.

ރަސްމީ ރިޒާވްގެ އިތުރުން، ސީދާ ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) އިތުރުކުރުމަކީ މަރުކަޒީ ބޭންކުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މިއީ ބޭރު ފައިސާގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ބާރެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.