ރާއްޖޭގައި 7,000 އަށް ވުރެ ގިނަ މީހުން ޓައިޕް 2 ގެ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި، މިއީ ގައުމުގައި ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބަލި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ.

މި ބަޔާން ނެރެފައިވަނީ ދުނިޔޭގައި ފާހަގަކުރާ ހަކުރު ބައްޔަށް ހޭލުންތެރިކުރުމުގެ ދުވަހާ ގުޅުވައިގެންނެވެ. ރާއްޖޭގައި މަރުވާ މީހުންގެ %85 މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.

އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 30 އޮކްޓޯބަރުގެ ނިޔަލަށް ޓައިޕް 1 ގެ ހަކުރު ބަލީގެ 300 މީހުން ފަރުވާ ހޯދަމުންދެއެވެ. މީގެއިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދައެވެ.

އިޝްތިހާރު އިޝްތިހާރު

ޓައިޕް 1 ގެ ހަކުރު ބައްޔަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އިންސިއުލިން ނުއުފެއްދުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޓައިޕް 2 ގެ ހަކުރު ބަލި ޖެހެނީ ބަރުދަން އިތުރުވުމާއި، ހެލިފެލިވެ އުޅުން މަދުވުމުގެ ސަބަބުން ހަށިގަނޑުން އުފައްދާ އިންސިއުލިން އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވޭތީއެވެ.

ހަކުރު ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތުކުރުން މުހިންމެވެ. އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި، ދުރާލާ ބަލީގެ ޓެސްޓުތައް ހެދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ރާއްޖޭގައި %35.6 ފިރިހެނުން އަދި %7.6 އަންހެނުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށް ސްޓެޕް ސާވޭއިން ދައްކައެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް "ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން ޚާއްޞަ މަސައްކަތްތަކެއް ވަނީ ރޭވިފައެވެ.

މި ޕްލޭންގެ ދަށުން ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް މެދުވެރިކޮށް ސްކްރީނިން އިތުރަށް ހަރުދަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަކުރު ބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ޑައެބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް" ތަޢާރަފުކުރުމާއި، މުޅި ރާއްޖޭގައި ޚާއްޞަ ފެތުމުގެ ހަރަކާތެއް ބޭއްވުމަށްވެސް ވަނީ ނިންމައިފައެވެ.