މޫސުމީ ވިއްސާރައާއެކު ރާއްޖޭގައި އިންފްލުއެންޒާއާއި އަރިދަފުސް ރޯގާގެ އިތުރުން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވަމުންދާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ވިއްސާރަވުމާ ގުޅިގެން ފެން ހަރުލާ ގޮތަށް ހުންނަ ތަންތަނުގައި އެޑިސް މަދިރި އާލާވާ މިންވަރު ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ޑެންގީ ހުމާއި ޗިކުންގުންޔާ ފަދަ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވެފައިވާއިރު، އަނެއްކޮޅުން ވައިގެ ޒަރީއާއިން ފެތުރޭ އިންފްލުއެންޒާ އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދުވެސް އަންނަނީ މައްޗަށް ދަމުންނެވެ. އިންފްލުއެންޒާއަކީ އާދައިގެ ރޯގާއާ އެއްގޮތް އަލާމާތްތަކެއް ފެންނަ ނަމަވެސް، މާ ބޮޑަށް ހާލަތު ގޯސްކޮށްލާ ނުރައްކާތެރި ބައްޔެކެވެ.
މިފަދަ ބަލިތަކުގެ ނުރައްކާ ޚާއްޞަކޮށް ކުޑަކުދިންނަށާއި، ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ބޮޑުކަން އެޗްޕީއޭއިން ފާހަގަކުރެއެވެ. އެހެންކަމުން ބަލިތަކުން ދިފާޢުވުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ވަނީ ހަނދާންކޮށްދީފައެވެ. އޭގެ ތެރޭގައި:
-
ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި، ހޭންޑް ސެނިޓައިޒާ ބޭނުންކުރުން.
-
ގޯތިގެދޮރާއި ވަށައިގެންވާ މާޙައުލުގައި ފެން ހަރުލާ ގޮތަށް ހުންނަ ތަކެތި އުކާލައި މަދިރި އުފެދޭ ތަންތަން ނައްތާލުން.
-
ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުމާއި، މަދިރި ލޯޝަން ބޭނުންކުރުން.
-
ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން އަދި ބަލިވެއްޖެނަމަ މާސްކު އެޅުމާއެކު މީހުން އެއްވާ ތަންތަނަށް ނުދިއުން.
މީގެއިތުރުން ބަލިޖެހިއްޖެނަމަ އަރާމުކުރުމަށާއި ގިނައިން ދިޔާތަކެތި ބުއިމަށް އިރުޝާދު ދީފައިވެއެވެ. އަދި ތިން ދުވަހަށްވުރެ ގިނައިން ހުން ދެމިގެންދާނަމަ، ވާގިނެތޭހެން ހީވާނަމަ ނުވަތަ ކާތަކެތި ބޭރުވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެދިފައިވެއެވެ. ޚާއްޞަކޮށް ފަސް އަހަރުން ދަށުގެ ކުދިންނަށް ބަލިޖެހި، ގިނައިރުތަކެއް ވަންދެން ކުޑަކަމު ނުދެވޭނަމަ ނުވަތަ ގާތުން ނުބޯނަމަ އަވަހަށް ޞިއްޙީ ފަރުވާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
އެޗްޕީއޭއިން ނިންމާލަމުން ބުނެފައިވަނީ، ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި މުއައްސަސާތަކުގެ މަސައްކަތުގެ އިތުރުން ކޮންމެ ފަރުދެއްގެ ވެސް ޒިންމާދާރުކަން އިންތިހާއަށް މުހިންމު ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.