ޣައްޒާއަށް އިސްރާއީލީ ބާރުތަކުން ދެމުންގެންދާ ވައިގެ ހަމަލާތަކެއްގައި، ފަލަސްތީނުގެ އުންމީދީ ޒުވާން ގޯލްކީޕަރު މަހްމޫދު ކަމާލް ފާރިސް އަބްދުލްމާލިކް ޝަހީދުވެފައިވާކަން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ވަނީ ހާމަކޮށްފައެވެ.
ޣައްޒާ ސިޓީގެ ދެކުނު ފަރާތުގައިވާ ސަބްރާ އަވަށަށް އަންގާރަ ދުވަހު އަމާޒުވި މި ހަމަލާގައި ވަކިވެދިޔަ އަބްދުލްމާލިކަކީ ޣައްޒާ ސްޕޯޓްސް ކްލަބުގެ ސީނިއާ ޓީމުގެ ގޯލް ބެލެހެއްޓުމުގެ އިތުރުން އެ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އައި ކުޅުންތެރިޔާއެވެ.
އުމުރުން އެންމެ 20 އަހަރުގެ އަބްދުލްމާލިކަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި ޝަހީދުކޮށްލެވުނު، ކުޅިވަރު މައިދާނުގެ 1،017 ވަނަ ފަރާތެވެ. އޭނާ ދުނިޔެ ދޫކޮށްފައި މިވަނީ، 2023 އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް ޝަހީދުވި ކުޅުންތެރިންނާއި އޮފިޝަލުންގެ ހަނދާނުގައި އިންތިޒާމުކުރި "ތައުޒަންޑް މާޓާސް ކަޕް" މުބާރާތުގެ ފައިނަލް މެޗުގައި އޭނާ ވާދަކުރިތާ އެންމެ ފަސް ދުވަސް ފަހުންނެވެ. މި މުބާރާތުގެ ޣައްޒާ އަދި އުތުރު ޣައްޒާ ބައިގެ ދެވަނަ މަގާމު ހޯދީ އޭނާ ތަމްސީލުކުރި ޣައްޒާ ސްޕޯޓްސް ކްލަބުންނެވެ.
ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ލުބުނާނުގައި ގާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކުން 200 އަށް ވުރެ ގިނަ ޓީމު ބައިވެރިވި މި މުބާރާތާ ބެހޭގޮތުން ޕީއެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ފާހަގަކުރެއްވި ގޮތުގައި، މި އިވެންޓުން ހާމަވެގެންދިޔައީ ފަލަސްތީނުގެ ރައްޔިތުންގެ ސާބިތުކަމާއި އަޒުމަށް ބަދަލެއް ނުގެނެވޭނެ ކަމާއި، ކުޅިވަރަކީ އަދިވެސް އުންމީދާއި ދިރުމުގެ އަލިގަދަ ނިޝާނެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެވެ.
އަބްދުލްމާލިކް ޝަހީދުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ރަހުމަތްތެރިންނާއެކު ބޯޅަ ކުޅެން ހުރި އުމުރުން 15 އަހަރުގެ މުހައްމަދު ނިދާލް ބަރްބަކްގެ ގަޔަށް ވެސް އިސްރާއީލު ސިފައިން ވަނީ ބަޑިޖަހައި މަރާލާފައެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ އިދާރާ (ފީފާ) ގެ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ގަވާއިދުތަކާ އިސްރާއީލުން ތަކުރާރުކޮށް ދެކޮޅުހަދަމުންދާއިރު ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ، ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ އެ އިދާރާއަށް އަމާޒުވެފައެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ކުޅިވަރު ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 56 ކްލަބުގެ ތެރެއިން 50 އަށް ވުރެ ގިނަ ކްލަބާއި، ފީފާގެ އެހީތެރިކަމާއެކު ތަރައްގީކުރި ފުޓްސަލް 20 ދަނޑު ވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު، 2023 އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޖުމްލަ އަދަދު ވަނީ 74،645 އަށް ވުރެ މައްޗަށް އަރާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.