ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް އިމާރާތެއް އެޅުމުގެ މަސައްކަތް ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢަކީ ސިފައިންގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެވެ. ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ކުރިއަށް ގެންދާ މި މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު މިޒްނާ ޢަލީއެވެ. ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖޯ ވޭދޯންއެވެ.
މިއީ ސިފައިންގެ ޤާބިލްކަން އިތުރުކޮށް، އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށް ޚާއްޞަކޮށްގެން ބިނާކުރާ އިމާރާތެކެވެ. މިއީ ސިފައިންގެ ތަރައްޤީއަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދަވާނެ މަޝްރޫޢެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ އިމާރާތެކެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ދިފާޢީ ވުޒާރާގެ އިސްވެރިންގެ އިތުރުން އެ ކުންފުނީގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.