އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން، ވިޒިޓް މޯލްޑިވްސް އިޔާގެ ހަރަކާތްތައް މެދުވެރިކޮށް އަންނަ އަހަރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ އިގްތިސޯދުގެ މައި ހަކަތައަކީ ފަތުރުވެރިކަން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އެ ސިނާއަތުން ލިބޭ އާމްދަނީ ކުރިއަރުވާ، އޭގެ މަންފާ ވީހާ ވެސް ގިނަ ދިވެހިންނަށް ފޯރުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިކަން ހާސިލްކުރުމަށް އަންނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އިޔާ'ގެ ގޮތުގައި ކަނޑައަޅާފައިވާކަން ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަންނަ އަހަރު އާދައިގެ ގޮތެއްގައި 2.28 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭއިރު، ވިޒިޓް މޯލްޑިވްސް އިޔާގެ ހަރަކާތްތަކާއެކު އިތުރު 200,000 އަށް ވުރެ ގިނަ ފަތުރުވެރިން ގެނެވޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއާއެކު ޖުމްލަ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވެވޭނެ ކަމަށާއި، ބެޑްނައިޓްސް 14.5 މިލިއަނަށް އިތުރުވެގެންދާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.
މި އަމާޒަށް ވާސިލުވެވޭނީ ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތް ގުޅިގެން ކުރާ މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، އެއާލައިންތަކުގެ އިތުރުން ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުން ވަރުގަދަކުރުމަށް ވަނީ ރޭވިފަ އެވެ. އަދި ފަތުރުވެރިކަމުގެ އޮފް-ޕީކް ސީޒަންގައި ވެސް ގިނަ ފަތުރުވެރިން ގެނައުމަށާއި ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
މީގެ ކުރިން މި އަހަރަށް އަމާޒު ހިފި ފަތުރުވެރިންގެ އަމާޒަކީ ވެސް 2.5 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް އަހަރުގެ ކުރީކޮޅު މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކާ އެކު ފަތުރުވެރިން އަންނަ އަދަދު ވަނީ މަދުވެފަ އެވެ. ސަރުކާރުން މިހާރު އަންދާޒާކުރަނީ މި އަހަރު ނިމޭއިރު އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށް ވުރެ މަދު ނުވާނެ ކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި އަހަރަށް ލަފާކޮށް ފާސްކުރި 64 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެ އެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެ އެވެ.
އަންނަ އަހަރުގެ އިގްތިސޯދީ އަންދާޒާތަކަށް ބަލާއިރު، އިގްތިސޯދީ ދުވެލި %3.9 އާއި %6.8 ދެމެދުގައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިންފްލޭޝަން %1 ގައި ހުންނާނެ ކަމަށް އަންދާޒާކުރެވޭއިރު، ދައުލަތުގެ ރިޒާވް 907.2 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށް ބަޖެޓު ބަޔާނުގައި ވަނީ ލަފާކޮށްފަ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.