ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ނޭޕާލަށް ބޯކޮށްވާރޭވެހި ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި ގުޅިގެން ހިތާމަފާޅު ކުރައްވާފައިވެ އެވެ. ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ޓެގް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓްގައި މި ހާދިސާގައި އެ ޤައުމުގެ ބައެއް ރައްޔިތުން މަރުވެފައިވާތީ އާއިލާތަކަށް ތައުޒިޔާ ފޮނުއްވެވި އެެވެ.

ނޭޕާލަށް ކުރިމަތިވި މި ހިތާމަވެރި ވަގުތު އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހީން ތިބި ކަމުގައި ވެސް ވިދާޅުވި އެވެ. އަދި ކާރިސާގެ ސަބަބުން ގެއްލުން ލިބި އަނިޔާވެފައިވާ ހުރިހާ ރައްޔިތުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވި އެވެ.

އިޝްތިހާރު އިޝްތިހާރު

ރިޕޯޓްތައް ބުނާ ގޮތުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި ގުޅިގެން މިހާތަނަށް ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ. އެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މި ފަހުން ވެސް އެެ ޤައުމަށް ވަނީ އެފަދަ ކާރިސާއެއް ކުރިމަތިވެފަ އެވެ. ނޭޕާލާއި ޗައިނާ ބޯޑަރު ސަރަހައްދުގައި ބިން ކަނޑައިގެން ގޮސް ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައް ލިބުނެވެ.

އެ ފަހަރު އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން 1 މިލިއަން ރުފިޔާގެ އިންސާނީ އެހީއެއް ދިނުމަށް ނިންމި އެވެ.