އެކަމަނާ އަވަހާރަވީ އުމުރުފުޅުން ސަތޭކަ އަހަރުގައި ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން ސިޓީ ޙަސްމާ މުޙައްމަދު ޢަލީ، އުމުރުފުޅުން ސަތޭކަ އަހަރުގައި ކުއަލަލަމްޕޫރުގެ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެއެވެ.

އެކަމަނާ އަވަހާރަވިކަން ކަށަވަރުކޮށްދެއްވީ، މެލޭޝިއާގެ ރަސްމީ ނޫސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން އެކަމަނާގެ ދަރިކަލުން މުޚްޒާނީ މަހާތީރެވެ. އެކަމަނާ އަވަހާރަވީ ސެޕްޓެމްބަރު މަހުގެ އަށާވީސް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އިޝްތިހާރު އިޝްތިހާރު

ސިޓީ ޙަސްމާ އަކީ މެލޭޝިއާގެ ތާރީޚުގައި އެންމެ ފުރަތަމަ އުފެދުނު އަންހެން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޢާންމު ޞިއްޙަތުގެ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މަހާތީރު މުޙައްމަދާއެކު އެކަމަނާ ކައިވެނިބައްލަވައިގަތީ ނަވާރަ ސަތޭކަ ފަންސާސް ހައެއް ވަނަ އަހަރުގައެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ އެކަމަނާގެ ޖަނާޒާ ދައުލަތުގެ ރަސްމިއްޔާތެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. ސިޓީ ޙަސްމާ އަވަހާރަވިއިރު، އެކަމަނާގެ ފިރިކަލުންނާއި ހަތް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.