ލ. ފޮނަދޫގައި އިމާރާތް ކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.
މިއީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސަރަހައްދީ ފެންވަރުގައި އަވަސް ފިޔަވަޅުތައް އެޅުމާއި، އިމަރޖެންސީ ހިދުމަތްތައް އެ އަތޮޅަށާއި މުޅި ސަރަހައްދަށް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މިހާރު ކުރިއަށްދަނީ ތަނބުތަކުގެ ޝަޓަރިންގާއި ދަގަނޑު ބަންދުމުގެ މަސައްކަތްތަކާއި އިމާރާތުގެ ފުރަތަމަ ފްލޯގެ ސްލެބް އެޅުމުގެ ތައްޔާރީތަކެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 6.50 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ދެ ބުރީގެ އިމާރާތެއް ބިނާކުރުން ހިމެނެއެވެ. މުޅި އިމާރާތުގެ ބޮޑުމިނުގައި 2,368 އަކަފޫޓު ހުންނާނެއެވެ.
މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި ސަރުކާރާ ހަވާލުކުރުމަށް އެމްޓީސީސީއަށް ދީފައިވަނީ 300 ދުވަހުގެ މުއްދަތެކެވެ.
މި ސެންޓަރު ގާއިމުކުރެވުމާއެކު، ކާރިސާތަކާއި އެކި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސަރަހައްދީ ފެންވަރުގައި މަސައްކަތްތައް ސީދާ އެއް ތަނަކުން އިންތިޒާމުކޮށްގެން މެނޭޖުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު