ލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާއި ގުޅިގެން ވެސްޓް ޕާކު ސަރަހައްދު ބަންދުކޮށްފައިވާތީ، އެ ސަރަހައްދަށް ބަސް ދަތުރުކުރުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެއެވެ.
މި މަސައްކަތަށް އެ މަގުގެ ވެސްޓް ޕާކު ސަރަހައްދުގެ އެއް ފަޅި މިހާރު ވެސް ވަނީ ބަންދުކޮށްފައެވެ.
އެމްޓީސީސީން ވިދާޅުވީ، މިއަދުން ފެށިގެން ވެސްޓަޕާކަށް ދިމާއަށް އޮންނަ ހަވީރި ހިނގުން މަގު ބަންދުކުރުމާއި ގުޅިގެން އޯކިޑް ރޫޓް އަދި އޮރެންޖް ހިޔާ ރޫޓްގެ ބަސްތައް ވެސްޓްޕާކް ބަސް ސްޓޯޕަށް މަޑުނުކުރާނެ ކަމަށެވެ.

އަދި މި ބަދަލާއި ގުޅިގެން ދެން މި ދެ ރޫޓްގެ ދަތުރުތައް ފެށޭނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕުން ކަމަށް އެމްޓީސީސީން ވިދާޅުވިއވެ. އަދި މަޖީދީ މަގުން އާންމު އުސޫލުން ދަތުރުކުރުމަށްފަހު، ހެންވޭރުން އެނބުރި މާފަންނަށް އަންނަ ބަސްތައް މަޑުކުރާނީ ކަނބާ އައިސާރަނީ ހިނގުމުން ގޮސް ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް މަޑު ކުރުމަށް ފަހު، ސަބުދެލި މަގުން މަޖީދީ މަގަށް ނުކުމެ އާންމު ރޫޓަށް ކަމަށްވެސް ވިދާޅުވިއެވެ.
އެ ބަދަލާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީ އިން ވަނީ މާފަށް އެދިފައެވެ. އަދި އެމްޓީސީސީން ބުނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 އިން ލިބޭނެއެވެ.
“ދަ ޕަލްސް” ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެ، ގާތައް މުގުރިފައި އޮތް ސަރަހައްދުކަމުގައިވާ އެމްޕީއެލް ސަރަހައްދުގެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް ވިދާޅުވެފައެވެ.
އެ ސަރަހައްދު ތަރައްގީކުރަން ނިންމިއިރު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ގެ ކުރިން އެ މަސައްކަތް އެއްކޮށް ފުރިހަމަ ކުރުމެވެ.










ކިޔުންތެރިންގެ ހިޔާލު