ބިޒްނަސް ވިސާގައި ރާއްޖެއަންނަ ބިދޭސީންގެ ވިސާ، ވޯރކް ޕާމިޓަށް ބަދަލުކުރުން ނިމުމަކަށް ގެނައީ ނަޖާއިޒު ފައިދާނެގުން ހުއްޓުވުމަކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އޭނާ އެފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ސެޕްޓެމްބަރު 15، 2026 އިން ފެށިގެން، ރާއްޖެއަށް ބިޒްނަސް ވިސާ ނުވަތަ ސްޕެޝަލް ވިސާގައި އެތެރެވާ ބިދޭސީންނަށް ރާއްޖޭގައި ތިބެގެން ވޯކް ޕާމިޓަށް ބަދަލެއް ނުކުރެވޭ ގޮތަށް އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ. އެހެންކަމުން ބިދޭސީއަކު ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާނަމަ، ރާއްޖެ އެތެރެވުމުގެ ކުރިން ވޯކް ޕާމިޓް އެންޓްރީ ޕާސް ހޯދަންޖެހޭނެއެވެ.
އެ ބަދަލަށް އިޝާރާތްކުރައްވާ އަސަދު ވިދާޅުވީ، ބިޒްނަސް ވިސާއަކީ ބިދޭސީ ފަންނީ މަސައްކަތްތެރިންނަށް ވިޔަފާރީގެ ބޭނުންތަކަށް ކުރު މުއްދަތަކަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރާ ވިސާއެއް ކަމަށެވެ. ނަމަވެސް، ބައެއް ކުންފުނިތަކުން ވޯކް ޕާމިޓް ހޯދުމުގެ ކަންކަން އަވަސްކުރުމުގެ ބޭނުމުގައި، ބިޒްނަސް ވިސާގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ވިސާގައި ރާއްޖެ އެތެރެވުމަށްފަހު ވޯކް ޕާމިޓަށް ބަދަލުކުރަމުންދާކަމަށްވެސް އަސަދު ވިދާޅުވިއެވެ. އެހެންކަމުން، ބިޒްނަސް ވިސާ އާއި ޚާއްޞަ ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް އެ ވިސާ ވޯކް ޕާމިޓަކަށް ބަދަލުނުކުރެވޭ ގޮތަށް ނިންމީ އެކަން ނިމުމަކަށް ގެނައުމަށްކަމަށް އަސަދު ފާހަގަކުރެއްވިއެވެ.

ބައެއް ދިވެހިން، ބިޒްނަސް ވިސާގައި ބިދޭސީން ރާއްޖެ ގެނައުމަށްފަހު ދެވަނަ ފަރާތެއްގެ އަތުން ފައިސާ ނަގައިގެން، ބިޒްނަސް ވިސާގައި ރާއްޖެ ގެނައި ބިދޭސީ މީހާ އަށް ވޯރކްޕަރމިޓް ހޯދައިދެމުންދާކަމަށް އަސަދު ވިދާޅުވިއެވެ. އަދި އެއީ ބޮޑު ވިޔަފާރިއަކަށް ބައެއް ފަރާތްތަކުން ހަދާފައިވާކަމަށް އަސަދު ވިދާޅުވިއެވެ.
“ވަރަށް ބޮޑަށް ނާޖާއިޒު ފައިދާ ނަގާ އެބަ ބައެއް ފަރާތްތަކުން. ބިޒްނަސް ވިސާގައި ވޯކް ޕާމިޓަށް ބަދަލުކުރެވޭ ގޮތަށް އޮތީ އެ ރިކުއިއަރމެންޓް އޮތީމަ. އެ ލޫޕްހޯލް ބޭނުންކޮށްގެން ބިދޭސީން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރޭ އެބަ” އަޙުމަދު އަސަދު
ބިޒްނަސް ވިސާގައި ރާއްޖެ އެތެރވާ ބިދޭސީންގެ ވިސާ ވޯރކް ޕާމިޓަށް ބަދަލުވުމުގެ ފުރުސަތު ނުދިނުމުގެ އިތުރުން، ބިދޭސީންގެ މުސާރަ ޖަމާކުރާ އުސޫލަށްވެސް ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ބިދޭސީންގެ މުސާރަ ޖަމާކުރަންވާނީ ބިދޭސީ މަސައްކަތްތެރިޔާގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށްކަމަށް އާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެ ބަދަލާއި ގުޅޭގޮތުން އަސަދު ވިދާޅުވީ، އެ ބަދަލު ގެނައީ ހަމަހަމަކަމާއެކު، ދެފުށްފެންނަ ގޮތަކަށް ބިދޭސީންގެ މުސާރައިގެ އިންތިޒާމްތައް ހަމަޖެއްސުމަށްކަމަށެވެ. އަދި ނަގުދު ފައިސާއިން މުސާރަ ދިނުމުން މުސާރަ ދިންކަން ޔަޤީންކުރެވޭނެ ނިޒާމެއް ނެތް ކަމަށް އަސަދު ވިދާޅުވިއެވެ. އަދި އެ އުސޫލަށް ތަބާ ނުވާނަމަ، ކޯޓާ ކެންސަލްކުރުމާއި، ކޯޓާގެ އަދަދު މަދުކުރުމާއި، ޖޫރިމަނާކުރުމާއި، އެކްޕެޓް ސިސްޓަމުގައި ބްލެކް ލިސްޓު ކުރުން ފަދަ ފިޔަވަޅުތައް، އެފަދަ ފަރާތްތަކާމެދު އަޅާނެކަމަށެވެ.
ބިދޭސީންގެ ވިސާއާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1485 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލްކޮށްގެން އެ މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާދީފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ނިމި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިހާރު ދަނީ ރާއްޖެއިން ފޮނުވާލަމުންނެވެ. ހޯމް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ސަރުކާރުން މިހާތަނަށް ވަނީ ގަވާއިދާ ޚިލާފަށް އުޅުނު 12,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައެވެ.










ކިޔުންތެރިންގެ ހިޔާލު