ރަސްމާލޭގައި ތަރައްޤީކުރާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢާއެކު، އެ ސިޓީން އެކަނިވެސް އަހަރަކު އިތުރު 1 މިލިއަން ފަތުރުވެރިންނަށް ޚިދުމަތްދެވޭނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.
ވަޒީރު ޒަރީރު ވިދާޅުވީ، މުޅި ރާއްޖޭގައި މިވަގުތު ޚިދުމަތް ދެވެނީ އަހަރަކަށް ގާތްގަނޑަކަށް 1.5 މިލިއަން ފަތުރުވެރިންނަށް ކަމަށާއި، ނަމަވެސް ރަސްމާލެ މަޝްރޫޢައެކު އެކަނިވެސް އެއް މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ފަދަ ވަރުގަދަ އިންފްރާސްޓްރަކްޗަރއަކާއެކު ތަރައްޤީކުރެވޭ ތަނެއް ކަމަށެވެ.
ލަފާކުރެވޭ ގޮތުގައި މި ޑިވެލޮޕްމެންޓުގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނަށް ޚިދމަތްދެވިގެންދާނެ. މިހާރަށް ބަލާއިރު ރާއްޖޭގައި މި ހުރީ 65،000 އެނދު. އެއީ ގާތްގަނޑަކަށް 189 ރިޒޯޓާއި ގެސްޓް ހައުސްއާއެކު. ނަމަވެސް މި މަޝްރޫޢާއެކު ރަސްމާލޭގައި އެކަނިވެސް 1 މިލިއަން ފަތުރުވެރިންނަށް އެކަށޭނެ އިންފްރާސްޓްރަކްޗަރއަކަށް ވެގެންދާނެ. ވަޒީރު
Advertisement
ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދެއްގައި ހިންގުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫޢު ހަވާލުކޮށްފައިވަނީ ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ “އީގަލް ހިލްސް” އާއެވެ. މި މަޝްރޫޢުގެ އިނީޝިއަލް އެގްރީމެންޓުގައި މިހާރު ސޮއިކޮށްފައިވާއިރު، އެ ކުންފުންޏަކީ ދުނިޔޭގެ 18 އަށް ވުރެ ގިނަ ޤައުމުގައި ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ އިތުރުން ރަސްމާލޭގައި މީހުން ދިރިއުޅުމަށް 600 ހެކްޓަރުގެ ބިން ޚާއްޞަކުރެވިފައިވާއިރު، މިއީ މުޅި ހުޅުމާލެއަށް ވުރެ ވެސް ބޮޑު ސަރަޙައްދެކެވެ. މާލެއިން ފުރައިގެން ލޯންޗުގައި އެންމެ 17 މިނެޓުން ދެވޭ މި ސިޓީގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ވޯޓާފްރަންޓް ސަރަޙައްދުގައި ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި، ރިޒޯޓްތަކާއި، މަތީ ފަންތީގެ ރެޒިޑެންސްތަކާއި، ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓާފްރަންޓް ހިނގާ މަގުތަކާއި، ރެސްޓޯރެންޓްތަކާއި، ވިޔަފާރި މަރުކަޒުތައް އަދި ވެލްނެސް ސެންޓަރުތައް ޤާއިމުކުރެވިގެންދާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ މިހާރުގެ ޖީޑީޕީގެ ތިންގުނައާ އެއްވަރުގެ ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި، މި މަޝްރޫޢު ވެގެންދާނީ މުޅި ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ މަޝްރޫޢަކަށް ކަމަށެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ ޖުމްލަ ބޭރުގެ އިންވެސްޓްމަންޓް ވަންނާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އަދި މީގެ ސަބަބުން ސީދާ ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.











ކިޔުންތެރިންގެ ހިޔާލު