ދައުލަތަށް ލިބުނު އާމްދަނީ އިތުރުކުރެވުމާއި ހަރަދުތައް ކުޑަކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދު ނުހިމަނައި އާމްދަނީއާއި ހަރަދު އަޅައިކިޔުމުން 2.3 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެެރިވެފައިވާކަން މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު އޯގަސްޓުމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކުހުގެ ގޮތުގައި 21.07 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކުސް ނޫން ގޮތްގޮތުން 5.58 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ހިލޭއެހީގެ ގޮތުގައި 460.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު ޖުމްލަ ހަރަދުވީ 28.07 ބިލިއަން ރުފިޔާއެވެ. އެއިން ރިކަރެންޓު ހަރަދުތަކަށް ހޭދަވީ ޖުމްލަ 24.4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން މުސާރައާއި ޕެންޝަނަށް ހަރަދުވީ 9.3 ބިލިއަން ރުފިޔާއެވެ. އަދި އިދާރީ ކަންކަމާއި ހިންގުމުގެ ކަންކަމަށް ހަރަދުވީ 15.04 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަވީ 3.5 ބިލިއަން ރުފިޔާއެވެ.

އޭގެ އިތުރަށް އިންޓަރެސްޓާއި ފައިނޭންސަށް 3.3 ބިލިއަން ރުފިޔާ ހަރަދުވި ކަމުގައި މާލީ ހިސާބުތަކުން ދައްކައެވެ. ހަރަދުތަކުގެ ތެރެއިން އިންޓަރެސްޓު އަދާކުރުމަށް ސަރުކާރުން ކުރި ހަރަދުކުރި އަދަދު އުނިކުރުމަށްފަހު ދައުލަތުގެ ހަރަދުތަކާއި އާމްދަނީ ހިސާބުކުރުމުން ބަޖެޓުވަނީ 2.3 ބިލިއަން ރުފިޔާއިން ސާޕްލަސްވެފައި ނުވަތަ އަރަނިވެރިވެފައެވެ.
އިންޓަރެސްޓުގެ ހަރަދު ހިމަނައިގެން ދައުލަތުގެ ހަރަދުތަކާއި އާމްދަނީ ހިސާބުކުރުމުން ބަޖެޓުގެ ޖުމްލަ ޑެފިސިޓަަކީ ނުވަތަ އާމްދަނީއާއި ހަރަދުގެ ފަރަގަކީ 950.3 މިލިއަން ރުފިޔާއެވެ.
މުޅި މި އަހަރު ބަޖެޓުގެ ދަރަނި ހުންނާނެކަމަށް މާލީ ވުޒާރާއިން 2026 ވަނަ އަހަރަށް ލަފާކުރި ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 8.8 ބިލިއަން ރުފިޔާއެވެ.










ކިޔުންތެރިންގެ ހިޔާލު