މާތް ވެގެންވާ މައްކާ އާއި މަދީނާގެ ބިމަށް ހަމަލާތައް އަމާޒުވާނަމަ ބަލަން ނުތިބޭނެ ކަމަށާއި، މިއީ “މައްކާ ޑިފެންސް އެގްރިމެންޓް” އަށް އަމަލުކުރަންވީ ވަގުތު ކަމަށް ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވެއްޖެއެވެ.
އާސިފް، މި މޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ޔަމަނުގައި ވަކި ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ހޫތީން، މާތް ވެގެންވާ މައްކާއަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދޭން މަސައްކަތް ކުރިތާ އެއްދުވަސް ފަހުންނެވެ. ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ ނާކާމިޔާބު ކޮށްލީ ސައުދީ އާއި ގުޅިފައިވާ އަސްކަރީ ކޯލިޝަނުންނެވެ.
“ޖިއޯ ނިއުސް” އަށް ދެއްވި އިންޓަވިއުއެއްގައި ދިފާއީ ވަޒީރު އާސިފް ވިދާޅުވީ، ސައުދީ އަރަބިއްޔާ އާއި މައްކާ އަދި މަދީނާގެ މާތްވެގެންވާ ދެ ހަރަމްފުޅު ދިފާއުކުރުމުގައި ޕާކިސްތާނު ދެމިއޮންނާނެ ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް ނެތް ނަމަވެސް އެ ތަންތަން ހިމާޔަތްކުރުމަކީ އިސްލާމްއާބާދުގެ ވާޖިބެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

“މައްކާ އެއްބަސްވުން އަޅުގަނޑުމެންގެ މައްޗަށް ހިނގާނެ، އަދި އަޅުގަނޑުމެން އެ ވާޖިބު އަދާކުރާނަން،” ޕާކިސްތާނުން އަޅާނެ ވަކި ފިޔަވަޅުތަކުގެ ތަފްސީލެއް ނުދެއްވައި އާސިފް ވިދާޅުވިއެވެ.
މީގެއިތުރުން ހޫތީންގެ ހަމަލާތަކާ ގުޅިގެން ސައުދީގެ ކަންބޮޑުވުންތައް އޮތުމުން، ސައުދީގެ މެސެޖެއް އީރާނަށް ޕާކިސްތާނުން ރައްދުކޮށްދީފައިވާ ކަމަށާއި، މި ހަނގުރާމަ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ޕާކިސްތާނުން މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާތްވެގެންވާ ސަހަރުތަކަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ދެކެވޭ ވާހަކަތައް ހޫތީން ދޮގު ކުރެއެވެ.
ހޫތީންގެ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވީ އެމީހުންގެ އަމާޒަކީ މާތް ބިންތަކާ ދުރުގައި ހުންނަ ސައުދީގެ ތެޔޮ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތައް ކަމަށެވެ. ނަމަވެސް، ބުރާސްފަތި ދުވަހު ސައުދީގެ ތާއިފް ސަރަހައްދަށް ހޫތީން ފޮނުވާލި ޑްރޯނެއް ވައްޓާލުމުގެ ތެރޭގައި ޔަމަނުގެ ރައްޔިތަކު މަރުވެ، އިތުރު ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ސައުދީ، ޕާކިސްތާން އަދި ތުރުކީވިލާތާ ދެމެދު ސޮއިކުރި “މައްކާ ޑިފެންސް އެގްރީމެންޓް” ގެ އެއްބަސްވުމުގެ ދަށުން، ސައުދީ، ތުރުކީ އަދި ޕާކިސްތާނުން ކުރެ އެއްވެސް ގައުމަކަށް ދެވޭ ހަމަލާއެއް ބެލެވޭނީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައެވެ.
ޕާކިސްތާނަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން ނިއުކްލިއަރ ހަތިޔާރު ހުރި ހަމައެކަނި ގައުމެވެ. އަނެއްކޮޅުން ދުނިޔޭގައި 7 ވަނަ އަށް އެންމެ ވަރުގަދަ އަސްކަރިއްޔާއެއް އޮތް ކަމަށް ރޭންކް ކޮށްފައި ވަނީވެސް ޕާކިސްތާނުގައެވެ.










ކިޔުންތެރިންގެ ހިޔާލު