ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހެދުމަށްޓަކައި އެކުލަވާލާފައިވާ އެއްބަސްވުމުގެ ދެލިކޮޕީއަކަށް ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ރުހުންދެއްވައިފިއެވެ.
ބެލަރޫސްގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށާއި ބެލަރޫސްގެ ރައްޔިތުންނަށް ދެ ގައުމުގެ މެދުގައި ވިސާއާ ނުލައި ދަތުރުކުރުމާއި، އެއްގައުމު އަނެއް ގައުމަށް އެތެރެވުމާއި، އަދި ޓްރާންސިޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވިސާއަކާ ނުލައި އެތެރެވާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް އެ ގައުމެއްގައި ހުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. ނަމަވެސް މީލާދީ އަހަރެއްގެ ތެރޭގައި ވިސާއާ ނުލައި ހުރެވޭނެ ޖުމްލަ މުއްދަތު 90 ދުވަހަށް ވުރެ އިތުރުވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއެކު އިތުރަށް މަޝްވަރާކޮށް، އެއްބަސްވުމުގައި ސޮއިކުރުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުމުގެ ބާރު ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ވަނީ ބެލަރޫސްގެ ފޮރިން މިނިސްޓްރީއަށް މިހާރު ދެއްވާފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން ދަތުރުފަތުރު ކުރުމަށް ދެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު