އީރާނުގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހަޅަން، އދގެ އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާ، އައިއޭއީގެ ބޯޑުން ފާސްކޮށްފިއެވެ.

އައިއޭއީއޭއިން މިކަމާބެހޭ ގަރާރު ފާސްކުރީ، އެކަމާ އީރާނު ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ގެންދަނިކޮށެވެ.

ގަރާރު ފާސްކުރީ، އދގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިއަރ ފެސިލިޓީތައް ބެލުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ އެ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށެވެ.

އިޝްތިހާރު އިޝްތިހާރު

އދގެ އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާ، އައިއޭއީގެ ބޯޑް އޮފް ގަވަރްނަރސްގައި ހިމެނޭ 35 މެމްބަރުންގެ ތެރެއިން ގަރާރާ އެއްކޮޅަށް 23 މެމްބަރުން ވޯޓު ދެއްވިއެވެ. ތިން މެމްބަރުން ގަރާރާ ދެކޮޅު ހެދިއިރު، 8 މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

އދގައި ހުންނަ އީރާނުގެ ދާއިމީ މިޝަނުންވަނީ، އައިއޭއީއޭ ބޯޑުން ފާސްކުރި ގަރާރު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. އީރާނުގެ މިޝަނުން ބުނެފައިވަނީ، މިއީ ވަރަށް ބޮޑަށް އެއްފަރާތަކަށް ޖެހިފައިވާ އަދި ސިޔާސީ ގަރާރެއް ކަމަށެވެ.

އދގެ އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަގްވާމީ އިދާރާ، އައިއޭއީގެ ބޯޑުން ފާސްކުރި ގަރާރަކީ އެމެރިކާ އިސްވެއޮވެ، އިނގިރޭސިވިލާތް، ފްރާންސް އަދި ޖަރުމަނުވިލާތުން ޑްރާފްޓްކުރި ގަރާރެކެވެ.

މި ގަރާރު ފާސްކުރުމުގެ ކުރިން، ޗައިނާ، ރަޝިޔާ އަދި އީރާނުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އައިއޭއީއޭގެ އިންސްޕެކްޓަރުންނަށް އީރާނުގެ ނިއުކްލިއަރ ފެސިލިޓީތައް ބެލުމުގެ ފުރުސަތު ނުދޭ ކަމަށް ގަރާރުގައި ކަނޑައަޅާފައިވާ ވާހަކަތަކަކީ، ސިޔާސީ ބޭނުމެއްގައި ބުނެފައިވާ ވާހަކަތަކެއް ކަމަށާއި، އެކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

އެމެރިކާއަށް ރައްދުދެމުން އީރާނުން ބުނެފައިވަނީ، އީރާނު އަމާންދޭނޭ ކަމަށް އެމެރިކާއިން ކުރަނީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށާއި އެއީ ދުވަހަކުވެސް ވާނޭ ކަމެއް ނޫން ކަމަށާއި، އަދި އީރާނުގެ ތެޔޮ ފޭރިގަތުމަށް މަޖުބޫރު ކުރުމުގެގޮތުން މިދިޔަ ދެއަހަރު ދުވަހު އެމެރިކާއިން ކުރި ހުރިހާ ހަނގުރާމައަކުން ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ ކަމަށެވެ.

އައިއޭއީގެ ބޯޑުން ފާސްކުރި ގަރާރު ދެން ހުށަހަޅާނީ އދގެ ސަލާމަތީ މަޖިލީހަށެވެ. ސަލާމަތީ މަޖިލީހުން އީރާނާ ދެކޮޅަށް އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ނޭނގެއެވެ. ސަބަބަކީ، ޗައިނާއާއި ރަޝިޔާއަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމުތަކަށްވެފައި، އީރާނާ ދެކޮޅަށް ފިޔަވަޅެއް އަޅަން ހުށަހަޅާ އެއްވެސް ގަރާރެއް އެދެ ގައުމުން ވީޓޯ ކުރާނެތީއެވެ.