އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކަށް ޔަހޫދީ ސިފައިން ވަދެގަނެ، 2 ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްޠީނުގެ 20 މީހަކު ހައްޔަރުކޮށްފިއެވެ.
އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 5 އަވަށަކަށް ބުދަ ދުވަހުގެ ފަތިހު ޔަހޫދީ ސިފައިން ވަދެގަނެ، ޢާންމުންގެ ގެދޮރު ބަލައިފާސްކޮށް މަދުވެގެން 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ ރަސްމީ ނޫސް އިދާރާއިން އިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި އުމުރުން ހަގު ދެ ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ހިންގި މި އޮޕަރޭޝަނުގައި، ޖެނީން ސަރަހައްދުގެ ރަށްތަކާއި އަވަށްތަކަށް ވަދެގަނެ، 2 ކުޑަކުދިންނާއެކު ޖުމްލަ 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގެ ދެކުނުން ޚަލީލް (ހެބްރޮން) ސިޓީއާއި އަލް-ފައްވާރު ރެފިއުޖީ ކޭމްޕުން 2 މީހަކު ހައްޔަރުކުރިއިރު، ނާބުލުސްގެ އެކި ސަރަޙައްދުތަކުގެ ގެދޮރު ބަލައިފާސްކުރުމަށްފަހު އިތުރު 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި ބައިތުލަޙަމްގެ ޢާއިދާ އާއި ދުހައިޝާ ރެފިއުޖީ ކޭމްޕުން 2 މީހަކު ހައްޔަރުކޮށްފައިވާއިރު، ތުލްކަރަމް އަވަށުގެ ގެތަކަށް ވަދެ ބަލައިފާސްކުރުމަށްފަހު އިތުރު 6 މީހަކު ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ. މި ހަމަލާތަކުގައި ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނު ޢާއިލާތަކުގެ އަމިއްލަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީ، ޢާންމުންގެ މެދުގައި ބިރުވެރިކަން އުފައްދާފައެވެ.
އޮކްޓޫބަރު 2023 ގައި ޔަހޫދީން ޣައްޒާއާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނާއެކު، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި އެ ޤައުމުގެ ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަނީ އިންތިހާއަށް އިތުރުކޮށްފައެވެ. މިގޮތުން ރެފިއުޖީ ކޭމްޕްތަކާއި އަވަށްތަކަށް ރޭގަނޑާއި ފަތިހުގެ ވަގުތުތަކުގައި ކުއްލިއަކަށް ވަދެގަނެ، އެކި އުމުރުފުރައިގެ މީހުން ހައްޔަރުކުރުމަކީ އެމީހުން ޢާންމުކޮށް ކުރަމުން އަންނަ ކަމެކެވެ.
ފަލަސްޠީނުގެ ކަމާބެހޭ އިދާރާތަކުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ހާމަކުރާ ގޮތުގައި، ވޭތުވެދިޔަ މުއްދަތުގައި ޔަހޫދީ ސިފައިން ވަނީ ފަލަސްޠީނު ރައްޔިތުން ޝަހީދުކުރުމާއި، ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކުރުމުގެ އިތުރުން، މަޖުބޫރުން ގެދޮރުން ނެރެލުމާއި، ގެދޮރު ސުންނާފަތިކުރުމާއި، ޣައިރުޤާނޫނީ ވަޒަންވެރިން މެދުވެރިކޮށް ބިންތައް ފޭރުމުގެ ޢުދުވާންތައް ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު