ފަގީރު ހާލަތުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު 17.4 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވަނީ މިދިޔަ މަހު އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް އެދި އަލަށް 87 މީހުން ރަޖިސްޓްރީކޮށްފައެވެ. އަދި 179 ކުޑަކުދިންނަށް އެހީ ހޯދުމަށް އެދި އަލަށް ރަޖިސްޓްރީކޮށްފައިވެއެވެ. މިދިޔަ މަހު ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންގެ ތެރޭގައި ހިމެނޭ 3،357 މީހަކަށާއި، 5،206 ކުޑަކުދިންނަށް އެހީ ދީފައިވެއެވެ. އެއީ، ޖުމްލަ 17،469،000 ރުފިޔާއެވެ.
ފަޤީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ 137 ކުދިންނަށާއި، 101 ބެލެނިވެރިންނަށް މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 187،500 ރުފިޔާ ދީފައިވެއެވެ. އަދި މި އެހީއަށް މިދިޔަ މަހު އަލަށް 4 ބެލެނިވެރިޔަކު އެދިފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފަޤީރު ހާލަތުގައި ދިރިއުޅޭ 655 ފަރާތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީގެ ގޮތުގައި 26،200 ރުފިޔާ ދީފައިވެއެވެ. އަދި މިދިޔަ މަހު ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 535 ފަރާތަކަށް 1،070،000 ރުފިޔާ ދީފައިވާއިރު، 4 ފަރާތަކަށް ތެލެސީމިއާ އެލަވަންސް ހަމަޖައްސާދީފައިވެއެވެ.

އެންސްޕާއިން އަންނަނީ، އެކި ކަންކަމުގައި މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީދިނުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު