އީރާނާއި އެމެރިކާއިން ކަނޑުމަގުންދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން ގަލްފް ކަނޑުގެ ސަރަހައްދުގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ނުރައްކާ ފޯރަން ފަށައިފިއެވެ.
އީރާނުގެ ތެޔޮ ޓޭންކަރުތަކާއި، އާގު ބޯޓުފަހަރަށް އެމެރިކާއިން ހަމަލާތައް ދެމުން ގެންދާއިރު، އީރާނުންވެސް ގެންދަނީ ރައްދުގައި އެމެރިކާއަށް ނިސްބަތްވާ ޓޭންކަރުތަކާއި އުޅަނދުފަހަރަށް ހަމަލާތައް ދެމުންނެވެ.
ހޮރްމޫޒު ކަނޑުއޮޅިއާއި، އެ ކަނޑުއޮޅީގެ ބޭރު ސަރަހައްދުތަކުންވެސް އުޅަނދުތަކަށް ގެންދަނީ ހަމަލާތައް ދެމުންނެވެ.

ގަލްފް ކަނޑުގެ ސަރަހައްދުން ދަތުރުކުރި އީރާނުގެ 5 ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން ރޭގައިވަނީ ހަމަލާދީ ހަލާކު ކޮށްލާފައެވެ.
ރައްދުގައި އީރާނުން މިއަދުގެ ހެނދުނުވަނީ، އުރުދުންގައި ގާއިމްކޮށްފައިވާ އެމެރިކާގެ މުވައްފާގް ސަލްތީ އެއަރބޭހަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. އެއަރބޭހަށް އީރާނުން ހަމަލާދިނީ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިސައިލް ހަމަލާތަކުގައި އެއަރބޭހަށް ބޮޑެތި ގެއްލުންތައް ދެވުނު ކަމަށެވެ. އީރާނުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އެއަރބޭހުގައި ހުންނަ އެފް35، އެފް16 އަދި އެފް15 ޖެޓުތަކުގެ މެއިންޓެނަންސްއާއި، ޕްރެޕަރޭޝަން އަދި ޝެލްޓަރ ފެސިލިޓީތަކަށެވެ.
އިންގިލާބީ ލަޝްކަރުގެ ބަޔާނުގައި ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅިގައި އީރާނުގެ އުޅަނދުތަކާ ދެކޮޅަށް އެމެރިކާއިން ހިންގާ އުދުވާނުތަކަކީ ބަލިކަށިކަމާއި މާޔޫސްކަން ދައްކުވައިދޭ އަމަލުތަކެއް ކަމަށެވެ. ހަމަ އެއާއެކު، އެމެރިކާގެ އަނިޔާވެރިކަން ނިމުމަކަށް އަންނަންދެން އީރާނުގެ ލަޝްކަރުތަކުން އެމެރިކާގެ އަމާޒުތަކާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މި އޮޕަރޭޝަންގެ ތެރެއިން އީރާނު ކަނޑުގެ ސިފައިން އިއްޔެގައިވަނީ މީހުންނާއި ނުލައި ދުއްވާ އެމެރިކާގެ ސަބްމެރީނެއްވެސް ހޮރްމޫޒު ކަނޑުއޮޅިން އަތުލައިގެންފައެވެ.










ކިޔުންތެރިންގެ ހިޔާލު