ދިވެހިންގެ ތެރެއިން ނެތެމުންދާ ރިވެތި އަހުލާގީ ސިފަތައް އަނބުރާ އިއާދަކުރެއްވުމަށްޓަކައި ގައުމީ ފެންވަރުގައި ކުރިއަށްގެންދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަށް" ހާއްސަ ޝިއާރެއް ކަނޑައެޅުއްވުމާއެކު، ގައުމީ ފެންވަރުގައި ހާއްސަ ދުވަހެއް ފާހަގަކުރައްވަން ނިންމަވައިފިއެވެ.

މި ހަފުތާގެ އާދީއްތަދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފަންނާއި، ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާޜާއިންވަނީ މި މަޝްރޫއާ ގުޅޭ ހާއްސަަ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ ކަރުދާހާމެދު މަޝްވަރާކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފައާ އެއްގޮތަށް ރައީސް ޑރ.މުޢިއްޒުވަނީ މުހިއްމު ނިންމެވުންތަކެއް ނިންމަވާފައެވެ.

އެގޮތުން ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ރީތި އަހުލާގު އަލުން އިއާދަކުރެއްވުމަށް ހިންގަވާ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ފަސް އަހަރުގެ މުއްދަތަކަށް މުޅި ރާއްޖޭގައި ހިންގާ މަޝްރޫއެއްކަމަށް ނިންމަވައި، އެ މަޝްރޫއުގެ ޝިއާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމަށް ކަނޑައަޅުއްވާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އަދި މި މަޝްރޫއު ވިލަރެސްކުރުމަށް މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރަކު ހިމެނިވަޑައިގަންނަވާ ހާއްސަ ކޮމިޓީއެއް އުފެއްދެވުމަށް ނިންމެވިއެވެ. އެގޮތުން އެ ކޮމިޓީގައި އަންނަނިވި ވުޒާރާތަކުގެ މަންދޫބުންގެ އިތުރަށް ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާގެ މަންދޫބަކު ހިމެނުއްވުމަށް ނިންމަވާފައިވެއެވެ.

  • މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
  • މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
  • މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ
  • މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް

އޭގެ އިތުރަށް ރައީސް ނިންމަވާފައިވަނީ ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމު އަދާކުރުމުގެ ދުވަހެއް ކޮންމެ އަހަރަކު އެއްފަހަރު ފާހަގަކުރުމަށެވެ. އެ ދުވަހަކީ މި މަޝްރޫއު އަަމަލީކޮށް އިފުތިތާހުކުރެވޭ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވުމަށްވެސް އެމަނިކުފާނު ނިންމަވާފައިވެއެވެ.

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އެކުލަވަައިލައްވާފައިވަނީ ފުޅާ ދާއިރާއެއްގައި ކަމުގެ ތަޖުރިބާކާރުންނާއި މަދަނީ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާ މަޝްވަރާކުރުމަށްފަހުއެވެ. އަދި ސިޔާސީ ޕާޓީތަކަށް އެ މަޝްވަރާތަކުގައި ބައިވެރިވާން ސަރުކާރުން ދައުވަތު ދިނުމުން އިދިކޮޅު ޕާޓީތަކުން އެ ދައުވަތަށް އިންކާރުކޮށްފައިވެއެވެ.

ދިވެހިންގެ ތެރެއިން ގެއްލެމުންދާ ރިވެތި އަހުލާގިއްޔަތާއި އާދަތައް އިއާދަކުރެއްވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން ސްކޫލުތަކުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށައި، މާނަވީ ތަރިކަ ރައްކާކުރުމާއި ދިވެހިންގެ ހަނދާންތައް ރައްކާކުރުމުގެ މަޝްރޫއެއް ސަރުކާރުން ފަށާފައިވެއެވެ.