މައްސަލަ ހައްލުކުރަން އެމެރިކާއިން ހުށަހެޅި ސުލްހަވުމުގެ އައު ހުށަހެޅުމަށް އީރާނުން ދެކޮޅު ހަދައިފިއެވެ.

އެމެރިކާގެ ފަރާތުން އައު ހުށަހެޅުމެއް އައީ، މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމުތައް މެދުވެރިކޮށް ކަމަށް، އީރާނުގެ މަސްދަރުތަކުން މީޑިއާއަށް ކަށަވަރު ކޮށްދީފައި ވެއެވެ.

އީރާނުންވަނީ އެމެރިކާގެ ހުށަހެޅުމަށް ޖަވާބުވެސް ދީފައެވެ. އީރާނުން ބުނެފައިވަނީ، އެއްވެސް ހުށަހެޅުމެއްގެ ޝަރުތުތައް ކަނޑައަޅާނީ އީރާނުން ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ، އެމެރިކާއިން ތަކުރާރުކޮށް އެއްބަސްވުންތަކާ ޚިލާފްވުމާއި، އިރުއިރުކޮޅާ ޚިޔާލު ބަދަލުވާތީ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެހެންކަމުން، ހުށަހެޅުމަކާ ގުޅޭގޮތުން އެމެރިކާއާ އެއްވެސް މަޝްވަރާއެއް މިވަގުތު ކުރެވެން ނެތްކަމަށް އީރާނުން ޖަވާބު ދީފައި ވެއެވެ.

އެމެރިކާ އާއެކު މަޝްވަރާއަށް ދިއުމުގެކުރިން އެމެރިކާއިން ފުރިހަމަ ކުރަންޖެހޭ ޝަރުތުތައްވެސް އީރާނުން ހާމަކޮށްފައި ވެއެވެ. އެއީ، އެމެރިކާއާއި އީރާނާ ދެމެދު ކުރިން ސޮއިކުރި އެމްއޯޔޫގައި އެމެރިކާއިން ފުރިހަމަކުރަން ކަނޑައެޅި ޝަތުރުތަކެވެ. އެޔަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

އީރާނުން ބުނެފައިވަނީ، ފުރަތަމަ ކަމަކަށް އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާދީ ލިބުނު ގެއްލުންތަކުގެ ބަދަލުގެގޮތުގައި 300 ބިލިއަން އެމެރިކާ ޑޮލަރު ދޭންޖެހޭނޭ ކަމަށެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭނޭ ކަމަށެވެ. އެމެރިކާއިން ގަނޑުކޮށްފައިވާ އީރާނުގެ 100 ބިލިއަން ޑޮލަރު ދޫކޮށްލަންޖެހޭނޭ ކަމަށެވެ. އީރާނުގެ ބްލޮކޭޑް އެމެރިކާއިން ދޫކޮށްލަންޖެހޭނޭ ކަމަށެވެ. މުޅި ސަރަހައްދުން އެމެރިކާ ސިފައިން އަނބުރާ ގެންދަންޖެހޭނޭ ކަމަށެވެ. އަދި ހަމަ އެއާއެކު، ލުބުނާނާއި ޣައްޒާ ހިމެނޭ ގޮތަށް ސަރަހައްދުގައި ކުރަމުންދާ ހުރިހާ ހަނގުރާމައެއް ހުއްޓާލަން ޖެހޭނޭ ކަމަށެވެ.

ހަމަލާތައް ހުއްޓާލަން އީރާނާއެކު ވެފައިވާ އެއްބަސްވުން އުވާލައި އީރާނަށް އިސްވެ ހަމަލާތައް ދޭންފެށީ އެމެރިކާގެ ރައީސެވެ. އީރާނާއެކު ސޮއިކުރި އެމްއޯޔޫ އުވާލީވެސް އެމެރިކާގެ ރައީސެވެ.

އޭގެފަހުން އެމެރިކާގެ ރައީސް ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ، އީރާނާއެކު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށާއި، އީރާނަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ ކަމަށެވެ.

އެކަމަކު، އީރާނުން ގެންދިޔައީ އެމްއޯޔޫއަށް އަމަލުކުރަމުންނެވެ. ހަމަލާއެއްވެސް ނުދެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، އީރާނު ސުލްހައިގެ ވާހަކަތަކުގެ މޭޒުދޮށަށް ގެންގޮސް، އީރާނު ވާހަކަ ދައްކަމުން ގެންދަނިކޮށް ތިންފަހަރުމަތިންވެސް އިސްވެ އީރާނަށް ހަމަލާތައް ދޭން ފަށާފައެވެ.