އީރާނުގެ ތެލުގެ ސިނާއަތުގެ މައި ރަށް ކަމަށްވާ ޚާރްޖް އައިލެންޑް ކައިރިން ދަތުރުކުރި އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން މިއަދުވަނީ 4 މިސައިލުން ހަމަލާ ދީފައެވެ.

މި ހަމަލާގައި ޓޭންކަރުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ކަމެއް ނުވެއެވެ. އީރާނުގެ ރެސްކިއު ޓީމުތަކުންވަނީ އެންމެން ސަލާމަތް ކޮށްފައެވެ.

އީރާނުގެ ޓޭންކަރަށް ހަމަލާދިނުމަށްފަހު އެމެރިކާއިން ބުނެފައިވަނީ ދެން އޮންނާނީ "ޓޭންކަރަކަށް ޓޭންކަރެއް" އުސޫލު ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ހޮރްމޫޒުން ދަތުރުކުރާ ޓޭންކަރުތަކަށް އީރާނުން ހަމަލާ ދީފިނަމަ ރައްދުގައި އެމެރިކާ ސިފައިން އީރާނުގެ ޓޭންކަރުތަކަށް ހަމަލާ ދޭނޭ ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

އީރާނުން އިއްޔެގައިވެސް ވަނީ  ހޮރްމޫޒު ހުރަސްކުރަން އުޅުނު އުޅަނދަކަށް ހަމަލާ ދީފައެވެ. އަދި ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ގެންދަނީ އިންޒާރު ދިނުމުގެ މިފަދަ ހަމަލާތައް ދެމުންނެވެ. އަދި އިންޒާރަށް ކިޔަމަނުވާ އުޅަނދުފަހަރަށް ސީދާ ހަމަލާތައްވެސް ދެމުން ގެންދެއެވެ.

އަނެއްކޮޅުން، ހޮރްމޫޒުގައި ހިންގާ އަސްކަރީ ހަރަކާތްތައް އީރާނުން މިހާރުވަނީ އިތުރަށް ފުޅާކޮށްފައެވެ.

އެގޮތުން ފުރަތަމަ  ފަހަރަށް އީރާނުގެ ލަޝްކަރުތަކުން ވަނީ، ހޮރްމޫޒު ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް އަމާޒުކޮށް ސީދާ ހަމަލާތައްވެސް ދޭން ފަށާފައެވެ.