އެސްއެމްއީ ޑިޖިޓަލްގެ މޮބައިލް އެޕްލިކޭޝަން، މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއަދު އިފްތިތާހުކޮށްފިއެވެ.
މި އެޕްލިކޭޝަން ލޯންޗްކޮށްދެއްވީ އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަނާއި ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި އެޕެކެވެ.
މި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ރައްކާތެރިކަމާއެކު ހިދުމަތްތައް ހޯދޭނެއެވެ. އެގޮތުން އެސްއެމްއީ ޑިޖިޓަލްގެ ހުރިހާ ހިދުމަތްތަކަށް އެދުމާއި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން ނަގާފައިވާ ފައިނޭންސިން ފެސިލިޓީތައް މެނޭޖްކުރުމާއި، ފައިސާ ދެއްކުމާއި، ވަގުތުން ނޮޓިފިކޭޝަންތައް ބަލައިލުން ފަދަ ކަންކަން މި އެޕްލިކޭޝަން މެދުވެރިކޮށް ކުރެވޭނެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު މިވަގުތު ދީފައިވަނީ ދައުވަތު ދެވިފައިވާ ވަކި ބަޔަކަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެޕަލް އެޕް ސްޓޯރު އަދި ގޫގަލް ޕްލޭ ސްޓޯރު މެދުވެރިކޮށް ހުރިހާ ކަސްޓަމަރުންނަށްވެސް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެއެވެ.
މިދިޔަ މުއްދަތުގައި ޑިޖިޓަލައިޒޭޝަންގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި އެސްއެމްއީ ޑިޖިޓަލްއިން ބުނީ، ބީއެމްއެލްގެ މޮބައިލް އެޕްލިކޭޝަނާ އިންޓަގްރޭޓް ކުރެވި، ބީއެމްއެލް އެޕް މެދުވެރިކޮށް ކަސްޓަމަރުންގެ ލޯނުތައް ބަލައިލުމާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމުވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މޮބައިލް އެޕް ތައާރަފްކުރުމުން ރަމްޒުކޮށްދެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށްވުމަށް ކުރާ ދަތުރުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ފީޗާތަކާއި އެސްއެމްއީ މާކެޓްޕްލޭސްވެސް މި އެޕްލިކޭޝަނަށް އިތުރުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު