ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭގައި ވަޒަންވެރިނުވާ ކުންފުނިތަކަށް ލިބޭ އާމްދަނީން ނަގާ ވިތު ހޯލްޑިން ޓެކުސް ރޭޓު ބޮޑުކުރުމަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ބިދޭސީ ވިޔަފާރިތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރެވި، ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ހިމާޔަތާއި ރައްކާތެރިކަން ލިބިދޭނެ ކަމެއްކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ހުސައިން ވިދާޅުވެއްޖެއެވެ.
އާމްދަނީން ޓެކުސް ނެގުމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން މެންބަރު އިބްރާހީމް ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ކުންފުނިތަކުން ދައްކާ ޓެކުހަށްވުރެ ދިވެހި ކުންފުނިތަކުން ދައްކާ ޓެކުސް އެތައް ތަނެއް ބޮޑުކަމަށާއި، ސައްތައިން ސައްތަ ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްނުދެވިއްޖެނަމަ އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިތައް ބަލިކަށިވެ ހީނަރުވެގެންދާނެ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ވިތުހޯލްޑިން ޓެކްސް ފަސް އިންސައްތައިން ދިހަ އިންސައްތައަށް އިތުރުކުރުމަކީ ދިވެހި ވިޔަފާރިވެރިން އެކަމަށް މަރުހަބާކިޔާނެ އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށެވެ.

އަދި މިއިސްލާހުގެ ސަބަބުން ދިވެހި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުސް އިތުރުނުވާނެކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ މި ޓެކުހަކީ ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ނުހިންގާ ވިޔަފާރިތަކުން ނަގާ ޓެކުހެއްކަމަށްވާތީ، އެ ޓެކުސް ބޮޑުކުރުމަކީ އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިން ނުވަތަ ދިވެހި ރައްޔިތުން އެއްވެސް ބުރައެއް އުފުލަންޖެހޭ ކަމެއް ނޫން ކަމަށެވެ.
އިތުރަށް މެންބަރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އުފައްދާފައިވާ ބޮޑެތި ދަރަނިން އަރައިގަތުމުގައި އޮތް ހަމައެކަނި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ބަދަލުތަކާއި އިސްލާހުތައް ގެނައުން ކަމަށެވެ. ދެން އޮންނާނެ ހަމައެކަނި ގޮތަކީ އިތުރަށް ބޭރުން ދަރަންޏަށް ފައިސާ ނަގައި ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުކުރުންކަން ފާހަގަކުރައްވައި މެންބަރުވަނީ މި ބަދަލުގެނައުމަކީ ރާއްޖޭގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު މިސްރާބަށް އެޅޭ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ އިގުތިސާދުގެ މުހިއްމު ދެ ދާއިރާކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާގައި ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓުކޮށް އެފަދަ މަޝްރޫއުތައް ތަންފީޒުކުރުމުގެ ގާބިލުކަން ހުރި ކުންފުނިތަކާއި ވިޔަފާރިތައް އެބަހުރިކަން ފާހަގަކުރައްވަމުން އިބްރާހީމް ވިދާޅުވީ އެފަދަ ކުންފުނިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.








ކިޔުންތެރިންގެ ހިޔާލު