ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ރޭގައި ހިނގި އަސްކަރީ ވަރުގަދަ ކުރިމަތިލުންތަކުގައި އެތައް ބަޔަކު މަރުވެއްޖެއެވެ.

ރަޝިޔާއިން ބުނެފައިވަނީ، ރަޝިޔާގެ ޓަޓާރސްޓަންގެ ސިޓީއަކަށް ޔޫކްރެއިން ސިފައިން ދިން ޑްރޯން ހަމަލާތަކުގައި 13 މީހުން މަރުވި ކަމަށާއި، އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށެވެ. މި ހަމަލާތަކުގައި އިތުރު 39 މީހުން ޒަޚަމްވި ކަމަށްވެސް ބުނެފައި ވެއެވެ.

ޔޫކްރެއިން ސިފައިންގެ ޑްރޯން ހަމަލާތައް އަމާޒުކުރީ، ސިނާއީ ތަންތަނާއި މަދަނީންގެ ތަންތަނަށް ކަމަށް ރަޝިޔާއިން ބުނެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ޔޫކްރެއިން ސިފައިންގެ ޑްރޯން ހަމަލާއެއް އާންމު ގެއަކަށް އަމާޒުވެ ބެލްގޮރޮޑް ރީޖަނުން އަންހެނަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ރަޝިޔާ ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ރަޝިޔާއާއި ކްރައިމިއާ ސަރަހައްދުގެ ތެރެއަށް ރޭގައި ވަދެގެން އުޅުނު ޔޫކްރެއިންގެ 456 ޑްރޯން، ރަޝިޔާ ސިފައިން ހަމަލާދީ ވައްޓާލި ކަމަށެވެ.

އަނެއްކޮޅުން، ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި ޔޫކްރެއިންގެ ސުމީ ރީޖަންއަށް ރަޝިޔާ ސިފައިން ދިން ބޮމުގެ ހަމަލާތަކެއްގައި 14 މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫކްރެއިނުން ބުނެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި އެތައް އިމާރާތަކާއި، އާންމު ޚިދުމަތްދޭ އެތައް ތަނެއް ހަލާކުވި ކަމަށްވެސް ޔޫކްރެއިނުން ބުނެފައި ވެއެވެ.

ޔޫކްރެއިން އެއަރފޯސްއިން ބުނެފައިވަނީ، އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެއުޅުނު ރަޝިޔާގެ 92 ޑްރޯންއެއް ސިފައިން ހަމަލާދީ ވައްޓާލި ކަމަށެވެ.