ދުނިޔޭގެ އެންމެ އަގުބޮޑު 10 ގޮނޑުދޮށުގެ ތެރޭގައި އދ. ދިގުރަށު ގޮނޑުދޮށް ހިމެނިއްޖެއެވެ.

ލަގްޒަރީ ވިލާ ހޮލިޑޭސްއަށް ޚާއްޞަ ކުންފުންޏެއް ކަމަށްވާ "ސީވީ ވިލާސް" އިން ކުރިއަށްގެންދިޔަ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން، ދުނިޔޭގެ އެންމެ އަގުބޮޑު ގޮނޑުދޮށްތަކުގެ ތެރެއިން 8 ވަނަ ދިގުރަށަށް ވަނީ ލިބިފައެވެ.

އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިގުރަށުގައި އޮންނަ ހިތްގައިމު ދިގު ދޮންވެލި ތުނޑީގެ އަންދާސީ އަގަކީ ގާތްގަނޑަކަށް 2.9 ބިލިއަން ދިވެހި ރުފިޔާ (187.6 މިލިއަން އެމެރިކާ ޑޮލަރު) އެވެ.

އިޝްތިހާރު އިޝްތިހާރު

މި ދިރާސާގައި ފާހަގަކޮށްލެވޭ ގޮތުން ދުނިޔޭގެ މަޝްހޫރު ބީޗުތައް ކަމަށްވާ ބްރެޒިލްގެ ރިއޯ ދެ ޖަނޭރޯގައި އޮންނަ ކޮޕަކަބާނާ ބީޗާއި، ކޭމަން އައިލެންޑްސްގެ ސެވަން މައިލް ބީޗަށްވުރެ ވެސް ކުރީގައި ދިގުރަށް ވަނީ ރޭންކު ކުރެވިފައެވެ.

މި ލިސްޓުގެ އެންމެ ކުރީގައި، 1.2 ބިލިއަން ޑޮލަރުގެ އަންދާސީ އަގަކާއެކު ހިމެނެނީ ފްލޮރިޑާގެ ސިއެސްޓާ ބީޗެވެ.

ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމަކީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ، ހާއްސަ މަންޒިލެކެވެ. ރާއްޖޭގެ ހިތްގައިމު ކަނޑުފަރުތަކާއި އަމާން މާހައުލުގެ ތަޖުރިބާ ހޯދުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. މިކަމަކީ މި ގައުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އޮތް ތަރުހީބު ހާމަކޮށްދޭ ކަމެކެވެ.